ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ފާއިތުވި ގަޑިއިރު ތެރޭ ހއ އިހަވަންދުއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އެ ރަށުގެ ގެޔަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެގޮތުން އެރަށުގެ ގެޔަކަށް ފެންވަދެ ގޭގައި ހިފައި ގެންގުޅޭ ތަކެއްޗާއި އަގުބޮޑެތި ފަރުނީޗަރުތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށް އިހަވަންދޫ ކައުންސިލުން މަޢުލޫމަތު ދެއްވައެވެ.
މީގެ އިތުރުން އެ ރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ޖަންކްޝަންތައްވެސް ފުރެމުންދާތީ ފެނަކަ ކޯޕަރޭޝަނުންވެސް އެލާޓްގައި މިހާރު އޮތްކަމުގައި އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ހަމައެޔާއެކު އެރަށުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ ގޮތުން އެ ސަރަހައްދުތަކުން ކަންޒު ކޮނެގެން ގެން ހިންދުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށާއި އެ މަސައްކަތުގައި އިހަވަންދޫގެ ހުރިހާ މުއައްސަސާތަކެއްގެވެސް އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަމުގައި އިހަވަންދޫ ކައުންސިލުން ވަނީ މަޢުލޫމާތު ދެއްވައިފައެވެ.
އަދި އެ ރަށުގައި ބޮޑުވެފައިވާ ފެން ހިއްކުމުގެ މަސައްކަތަށް އެމްއެންޑީއެފުން ޕަންޕެއްވެސް މިހާރު ފޮނުވައިފައިވާކަމަށް އެ ފަރާތުން މައުލޫމާތު ދެއްވައެވެ.