ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގައި އިންޑިއާގެ މިނިވަން ދުވަސް ފާހަގަކޮށްފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފައިވާ ގޮތުގައި މިއަދަކީ އިންޑިއާގެ 78 ވަނަ މިނިވަން ދުވަސް ކަމުން އެކަމުގެ މުނާސަބަތުގައި އެއެމްބަސީގައި މިއަދު ދިދަ ނެގުމުގެ ރަސްމިއްޔާތެއް މިއަދު ވަނީ ބާއްވާފައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިދަ ނަންގަވާފައި ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި އެމްބަސީގެ މުވައްޒަފުން ބައިވެރިވެފައިވާއިރު، ރަސްމިއްޔާތުގައި ބައިވެރިވި މީހުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ސަފީރު ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައީސް ދެއްވި ހިތޯބުގެ މައްޗަށް އަލިއަޅުވާލާފައެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ ސަގާފީ ހަރަކާތްތަކެއް ވެސް ހުށަހަޅާ ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްބަސީ އިން ވަނީ ބުނެފައެވެ.
އިންޑިއާގެ 78 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ވެސް ވަނީ އެގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށާއި އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ދަންނަވާފަ އެވެ.
ރައީސް ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި އިންޑިއާ އާއި ރާއްޖޭގެ ދުވަސްވީ އެކުވެރިކަމުގެ ސަބަބުން މި ގައުމަށް ކުރިއެރުންތައް ގެނެސްދީފައިވާ ކަމަށާއި އިންޑިއާގެ ސަބަބުން މި ސަރަހައްދަށް ވެސް ގިނަ ކުރިއެރުންތައް އައިސްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.