މިއަހަރު ނިމެންވާއިރަށް ހަފުތާއަކު އެއް ފަހަރު މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމަކީ މިފްކޯގެ އަމާޒުކަމަށް އެކުންފުނިން ބުނެފި އެވެ.
މިސަރުކާރުން ވަނީ މަސްވެރިން ބާނާ މަހަށް 48 ގަނޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް ވައިދުވެފައެވެ. އެހެންނަމަވެސް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ މިފަދައިން ފައިސާ ދޫނުކުރެވެނީ އިގުތިސާދީ ދަތިތަކުގެ ސަބަބުން ކަމަށެވެ.
މިފްކޯގެ މީޑިއާ އޮފިޝަލަކާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ސަންއޮންލައިން އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މަސްވެރިންނަށް މިހާރު ފައިސާ ދެމުން އަންނަނީ މިނިސްޓްރީގެ ލަފާގެ މަތީން ދެ ހަފްތާގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް މިފްކޯގެ އަމާޒަކީ ދެ ހަފުތާއަށް ވުރެ ޑިލޭ ނުކޮށް މިއަހަރު ނިމެންވާއިރަށް އެމުއްދަތު ކުޑަކޮށް ކޮންމެ ހަފުތާއަކު އެއް ފަހަރު މަސްވެރިންނަށް ފައިސާ ދިނުން ކަމަށެވެ. އަދި މަސްވެރިން ކިރާ މަހަށް އެދުވަހުން ދުވަހަށް ފައިސާ ދޭން އެކުންފުނިން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“އަޅުގަނޑުމެން މިނިސްޓްރީގައި ބުނެފައިވާނީ އެންމެ ލަސްވެގެން ދެ ހަފުތާ ތެރޭގައި ދޭނެ ވާހަކަ. އެކަމަކު، އެއަށްވުރެ ކުރިން ދެވެން އޮންނައިރު އެއަށްވުރެ ކުރިން ވެސް އެބަ ދެން އެންމެ ފަހުން ވެސް މި ދިނީ 12 ދުވަހުގެ ތެރޭގައި،” މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިނިސްޓަރު ޝިފާޒް ވަނީ މަހުގެ އަގު މިހާރު ހުރިގޮތުން ކޮންމެ ހަފުތާއަކު ފައިސާ ދިނުމަށް މިފްކޯއަށް ދަތި ނުވާނެ ކަމަށް މިފަހުން ވެސް ވިދާޅުވެފަ އެވެ.
މިފަހުން މަސްވެރިން ކުރި މުޒާހަރާއަށްފަހު، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު، ސަރުކާރުން ވަނީ މަސްވެރިންގެ އަތުން މިފްކޯއިން މަސް ގަންނާނީ ބައިނަލްއަގުވާމީ ބާޒާރުގައި މަސް ގަންނަ އަގަށް ކަމަށް ކަނޑައަޅާފަ އެވެ.