މާލޭ ސިޓީގައި ދިރިނޫޅެވޭ ވަރަށް ހަލާކުވެފައިވާ އިމާރާތްތަކުގެ ލިސްޓުގައިވާ މ. ރަބީއުވިލާ ތާލުމުގެ މަސައްކަތް ސަރުކާރުން މިއަދު ފަށައިފި އެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އިން ހާމަކޮށްފައިވާ ގޮތުގައި މިމަސައްކަތް ކުރާނީ އެމިނިސްޓްރީންނެވެ.
އެމިނިސްޓްރީން ތަޅާލުމުގެ މަސައްކަތް މިއަދު ފަށާފައިވާ މ. ރަބީއުވިލާ އަކީ މީހުން ނޫޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ އަދި އެކަމުގެ ސަބަބުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށްވެފައިވާ ގެއެކެވެ.
މިއަހަރުގެ ތެރޭގައި ރަބީއުވިލާގައި އަލިފާނުގެ ހަދީސާއެއް ހިނގާފައިވާއިރު، މިއަހަރުގެ މެއި މަހުގައި މަރުވެފައިވާ މީހަކު ވެސް މިގެއިން ވަނީ ފެނިފައެވެ.
ފަސްބުރިއަށް ހަދާފައިވާ ރަބީއުގެ ތަޅާލުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، މިމަސައްކަތް ސީދާ ނިންމާލެވޭނެ ތާޜީހެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ޕްލޭނިންގް މިނިސްޓްރީން ވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ މާލޭގައި ދިރިނޫޅެވޭ ވަރަށް ދުވަސްވެފައި ހުރި އިމާރާތްތަކުގެ ލިސްޓް އެކުލަވާލާފައެވެ.
އެގޮތުން އެލިސްޓުގައި ހިމެނޭ ގޭތަކުގެ ތެރޭގައި:
- ހ. ލޮބީ
- ހ. ހާޖަރާގެ
- ހ. ރުއްދޮށިގެ
- ހ. ތަންބީ
- ހ. އަސްފަރު
- މ. ބުރަދަމާގެ
- މ. ކައުސަރު
- މ. އާޝިޔާމަންޒިލް
- މއ. ކަނބާލިފަރު
- މއ. އެވާގްލޯރީ
- މ. ރަބީއުވިލާ
ހުސްވި ހަފްތާގައި ރައީސް ޑރ. މުޢިއްޒު މާލެ ސިޓީ ކައުންސިލަށް ކުރެއްވި ޒިޔާރަތުގައި ވެސް މާލޭގައި ދުވަސްވެފައިވާ އިމާރާތްތައް ތަޅާލުމަށް އެކައުންސިލަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.