ރާއްޖޭގައި ހެލިކޮޓަރުގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް މި މަހުގެ ކުރީކޮޅު ކުރި އިއުލާނަށް 36 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ރާއްޖޭގެ ޤައުމީ ޗެނަލް، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“މީހުން ހޯދަން ގެޒެޓްކުރީމަ 36 ފަރާތުން ކުރިމަތިލި. ދުނިޔޭގެ އެންމެ ވަރުގަދަ ކުންފުނިތަކުން ކުރިމަތިލި. މިހާރު ކުރިއަށްދަނީ ޚިދުމަތްދޭނެ ފަރާތްތައް ހޮވުމަށް ކުރަންޖެހޭ މަސައްކަތްތައް. ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ.” އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ފެށުމުގެ ކުރިން ޓެކްނިކަލް އެސެސްމަންޓްތަކެއް ހެދުމަށް ރޭވިފައިވާކަމަށް އަމީން ވިދާޅުވިއެވެ. އެ އެސެސްމަންޓްތައް ހެދުމުގައި އިނގިރޭސިވިލާތުގެ ފާހަގަކޮށްލެވޭ ރެގިއުލޭޓަރީ ބޮޑީއެއްކަމަށްވާ، ޔޫކޭ ސިވިލް އޭވިއޭޝަންގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާކަމަށް ވެސް އަމީން ވިދާޅުވިއެވެ.
މި ޚިދުމަތް އެވޯޑުކުރާ ފަރާތާ އެކު ގާއިމުކުރާ އެއްބަސްވުމުގައި އަލިއަޅުވާލާނެ މުހިންމު ކަންކަމުގެ ވާހަކަ ވެސް އަމީން ފާހަގަކުރެއްވިއެވެ. އެގޮތުން ކޮންމެ ހެލިކޮޕްޓަރެއް ވެސް ޚިދުމަތް ދިނުމަށް ހުއްދަ ދޭނީ އަންނަނިވި ހާލަތްތަކާ ގުޅިގެންކަމަށް އަމީން ވިދާޅުވެފައިވެއެވެ.
- ސަރުކާރުގެ ޚާއްޞަ ދަތުރުތައް ކުރަން ޖެހޭ ހާލަތްތަކުގައި
- ސިއްޙީ ކުއްލި ޙާލަތްތެއް ދިމާވެއްޖެ ހާލަތެއްގައި
- ހާދިސާތަކުގެ ޙާލަތުގައި ސަރޗް އެންޑް ރެސްކިއުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭނެ ބަޔަކު ހޯދަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އިޢުލާންކުރީ މި މަހުގެ 6 ވަނަ ދުވަހެވެ. އަދި އެ މުއްދަތު ހަމަވީ މި މަހުގެ 19 ވަނަ ދުވަހެވެ.