މިދިޔަ ހަފްތާގައި ފިޗް ރޭޓިންގްސްއިން އިސްރާއީލުގެ ކްރެޑިޓް ސްކޯރ A+ އިން A އަށް ދަށްކޮށްފިއެވެ.
ފިޗް ރޭޓިންގްސްއިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ކްރެޑިޓް ސްކޯރ ދަށްކުރި ސަބަބަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި އިތުރުވެފައިވާ ޖިއޯޕޮލިޓިކަލް ނުރައްކާތެރިކަމެވެ. އަދި މި އޭޖެންސީން “ނެގެޓިވް” އައުޓްލުކެއް ދަމަހައްޓާފައިވެއެވެ. މިއިން ދޭހަވަނީ އިސްރާއީލުގެ އިޤްތިޞާދު އިތުރަށް ދަށްވުމުގެ ފުރުސަތު އޮތްކަމެވެ.
ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2024 ގެ ފުރަތަމަ ދެ ކުއާޓަރުގައި އިސްރާއީލުގެ އިޤްތިޞާދީ ކުރިއެރުން ހުރީ 2.5% ގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 4.5% އާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
ފިޗްއިން އިންޒާރުދީފައިވަނީ އިތުރުވަމުންދާ ސިފައިންގެ ޚަރަދުތަކުގެ ސަބަބުން އިސްރާއީލުގެ މާލީ ހާލަތަށް އިތުރު ބުރައެއް ކުރިމަތިވެދާނެކަމަށެވެ. އަދި 2024 ވަނަ އަހަރު އެ ގައުމުގެ ޖީޑީޕީއަށް 7.8% ގެ ޑެފިސިޓެއް އަންނާނެކަމަށް ވެސް ފިޗްއިން ލަފާކޮށްފައިވެއެވެ.
އިސްރާއީލުގެ އިސްވެރިން އުއްމީދާއެކު ވާހަކަދައްކަމުންދިޔަ ނަމަވެސް، އެ ޤައުމުގެ އިޤްތިޞާދީ ހަމަޖެހުމާމެދު މިހާރު މި ވަނީ ސުވާލު އުފެދިފައެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އުދުވާނުގެ ސަބަބުން 40،000 އަށް ވުރެ ގިނަ ފަލަސްޠީނުން މަރުވެފައިވާ އިރު، ޣައްޒާގެ އިޤްތިޞާދަށް ވެސް މި ކަމުގެ ސަބަބުން ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފައެވެ.