ބޭންކް އޮފް މޯލްޑިވްސް އިން ކާޑުގެ ލިމިޓަށް ގެނައި ބަދަލުތައް އުވާލައި ކުރީގެ އުސޫލު އަލުން އިޔާދަ ކުރުމަށް ނިންމާ އެކަން އިއުލާން ކޮށްފި އެވެ.
ބޭންކުން ދާދި ދެންމެއަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝަދަށް ބަލައި މީހާރު އަނބުރާ ގެނެސްފައިވާ ކަމަށެވެ.
ބީއެމްއެލް އިން ވަނީ މިއަދު ހެނދުނު ރުފިޔާ ކާޑުތަކަށް ޑޮލަރު ދިނުން އެއްކޮށް ހުއްޓާލާ ކަމަށް އިއުލާން ކޮށްފައެވެ.
މިއަދު ހެނދުނު ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި މިބަދަލު ގެންނަން ބޭންކުން ނިންމާފައި ވަނީ ކާޑުތަކުން ކުރާ ބޭރު ފައިސާގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ލިބޭ ބޭރު ފައިސާގެ އަދަދު އެއް ވަރެއްގައި ހިފެހެއްޓިފައި ހުރުމުން ކަމަށެވެ.
އެގޮތުން ބޭންކުން ނިންމާފައިވާ ގޮތުގައި މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުގެ ތެރެއިން ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓަކަށްވާނަމަ ބޭރު ފައިސާގެ ގޮތުގައި ދެން އެއްވެސް އަދަދެއް ނުލިބޭނެ އެވެ. އަދި މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް ވެސް ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ ގޮތުގައި އެއްވެސް އަދަދެއް ނުލިބޭނެ އެވެ. މީގެއިތުރުން މިހާރު ދޫކޮށްފައިވާ ސްޓެންޑާޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކަށް ވެސް މަހެއްގެ މައްޗަށް ލިބޭނީ 100 ޑޮލަރު އެވެ.
އެހެންނަމަވެސް، މިނިންމުމުގެ ސަބަބުން އާންމު ރައްޔިތުންނާއި ރާއްޖެއިން ބޭރުގައި ކިޔަވަން ހުންނަ ދަރިވަރުން ވަނީ މީސްމީޑިޔާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އާންމުންގެ ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން ބޭންކުން ވަނީ ކުރިން ޑޮލަރު ދޫކުރި އުސާލަށް ރުފިޔާ ކާޑުތަކުން ވެސް ޑޮލަރު ދޫކުރަން ނިންމާ އެކަން އިއުލާން ކޮށްފަ އެވެ.