ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ރައީސް އޮފީހުން ކުރި އިއުލާނުގައި ވާގޮތުން އެ މަގާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ވެފައިވާ ދިވެހި ރައްޔިތަކު ކަމުގައިވާން ޖެހޭނެއެވެ.
އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.
އިތުރު ބައެއް ޝަރުތުތައް:
- ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން
- ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން
- އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
- ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ލިބިފައިވުން
- ޝަރުއީ އަދި ގާނޫނީ ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން ހަތަރެއް އަހަރުގެ ތަޖުރިބާ ލިބިފައިވުން
- ގާނޫނީ ދާއިރާއާ ގުޅުން ހުރި ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ މި ނޫން ވެސް އެފަދަ ތަނެއްގެ ހިއްސާއެއް ނުވަތަ މަގާމެއް އޮތް މީހަކު ކަމުގައި ނުވުން
އެގޮތުން މި މަޤާމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުރިހާ ލިޔެކިއުންތަކާއިއެކު އެ އޮފީހުން ހުށަހެޅުމަށް ރައީސް އޮފީހުގެ އިއުލާނުގައި ވަނީ ބުނެފައެވެ.
ޕީޖީގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ހުސެން ޝަމީމް ޕީޖީ ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމާއި ގުޅިގެންނެވެ.