ތުއްތު ކުދިންގެ ތަރުބިއްޔަތު ފެށެނީ މަންމަގެ އުނގުންކަމާއި، އެކުދިން ފުރަތަމަ އުގެނޭ ވެއްޓަކީ އެކުދިންގެ ގެ ކަމުގައި ހުރިހާ އެންމެންވެސް އެއްބަސްވާނެއެވެ.
މިކުދިންގެ ރޯލް މޮޑެލުންނަކީ މީޑިއާގެ އަހުލުވެރިންނަށް ނުވެ، އެކުދިންގެ މައިންބަފައިން ކަމުގައި ވުމަކީ އަހަރުމެން ކޮންމެ މީހަކުވެސް އުއްމީދުކުރާނެ ކަމެކެވެ. އަދި ކުއްޖާއަށް ހެވާއި ނުބައި ދައްކުވައިދޭ ފަރާތްކަމުގައި މައިންބަފައިންވާން ޖެހެއެވެ. ދެން އޮތް ސުވާލަކީ މައިންބަފައިން ކުއްޖާގެ އީމާންތެރިކަން އިތުރުކުރުމަށްޓަކައި ކުރަންވީ ކޮންކަމެއް ތޯއެވެ؟
އަޅުކަން ކުރާތަން ކުއްޖާއަށް ފެނުން
ކުއްޖާ އެންމެ ތުއްތު އިރުއްސުރެވެސް މަންމަ އާއި ބައްޕަ ނަމާދުކޮށް ޤުރުއާން ކިޔަވާތަން ކުއްޖާއަށް ފެންނަން ޖެހެއެވެ. އަދި މިފަދަ އަޅުކަންތައް ކުރުމުގައި ދަރިން ބައިވެރި ކުރުވާ އެކުދިންނަށް ހިތްވަރުދީ ހަދަންވާނެއެވެ.
ގޭތެރޭގެ ކަންކަމުގައި ދުޢާ އަދި ދިކުރު އިސްކުރުން
ދަރިން ކުރިމަތީގައި މަންމަ ނުވަތަ ބައްޕަ މިފަދަ ދިކުރުތައް ބޭނުން ކުރާތަން ދައްކާށެވެ. މިސާލަކަށް، ގެއަށް ވަންނަ އިރު ދުއާ ކުދިންނާއި އެކު ކިއުން، ކެއުން ބުއިމުގައި ބިސް އަދި ހަމްދު ކުރުން، ހެދުނާއި ހަވީރުގެ ޒިކުރުތައް އެއްކޮށް ކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.
ތަފްޘީރު އަދި ހަދީޘް އިލްމާއި ކުދިން ގާތްކުރުން
ކުއްޖާއަށް ހަމައެކަނި ގުރުޢާނުގެ އިލްމާއި ނަމާދުކުރުމާއި ދިކުރުތައް ދަސްކޮށްދިނުމުގެ އިތުރުން، މިފަދަ އަގުހުރި ޢިލުމުތަށް މަންމަ ނުވަތަ ބައްޕައާއި އެކު ދަރުހެއްގައި ބައިވެރި ވެލައިގެން ދަސްކުރެވިދާނެއެވެ.
ރަނގަޅު ރައްޓެހިން ގެންގުޅުން
މައިންބަފައިންގެ ރައްޓެހިންނަކީ ދީންވެރި ރަނގަޅު ރައްޓެހިންކަން ކުދިންނަށް ފެންނަ ނަމަ އެކުދިންވެސް އެފަދަ ކުދިން ހޯދަން މަސައްކަތް ކުރާނެއެވެ.
ދީނާ ޚިލާފު ކަންތައްތަކުން ދުރުވުން
ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ލަވަ އަޑުއަހާނަމަ ކުއްޖާ އެކަމަށް ޝައުގުވެރިވާނެއެވެ. އަދި ގިނަވަގުތު ފޯނާއި ކުޅޭނަމަ އެކުދިންވެސް އެކަން ކުރަންބޭނުން ވާނެއެވެ. އެހެންކަމުން، ފުރަތަމަ މަންމަ އަދި ބައްޕަ ނުރަނގަޅު އާދަތައް ދޫކޮށްލާށެވެ. ލިބޭ ހުސްވަގުތުތަކުގައި ފައިދާހުރި ކަންކަން ކުރާތަން ކުއްޖާއަށް ދައްކާށެވެ. މުޖްތަމައު ތެރޭގައި ހުންނަ ދީނާ ނުގުޅޭ ކަންކަމުގެ ވާހަކަ ކުއްޖާއާއި ދައްކާ ހަދާށެވެ. އަދި އެކަންކަމުގެ ގޯސްކަން ސަބަބާއި އެކުދިންނަށް ބަޔާންކޮށްދީ ހަދާށެވެ.
ކުދިންނަށް ރަނގަޅު ދީންވެރި ރައްޓެހިން ހޯދައިދިނުން
މިއީ ކުރަން ދަތި ކަމަކަށް ވެދާނެއެވެ. އެހެންނަމަވެސް އާއިލާގެ އެހެން މީހަކާ ގުޅިގެން ނުވަތަ އެހެން ރައްޓެއްސެއްގެ އެހީތެރިކަމާ އެކު ކުދިންނަށް ރަނގަޅު ރައްޓެއްސެއް ހޯދިދާނެއެވެ. ޞާލިހް ރައްޓެހިން ގެންގުޅުމަކީ ކުއްޖާގެ ޒުވާންކަން ބޭކާރު ނުވެ، ހެޔޮ އަމަލުތަކުގައި ވަގުތު ހޭދަ ކުރުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.
ޗުއްޓީތަކުގައި ދީނާއި ގުޅުން ހުރި ކަންކަން ކުރުން
އަހަރުމެންނަށް ލިބޭ ޗުއްޓީތަކުގައި އާއިލާ އެންމެނާއި އެކު އުމްރާއަށް ގޮސްލުން ނުވަތަ މިސްކިތެއް ބަލާލަން ދިއުން ނުވަތަ ދީނާއި ގުޅުން ހުރި ކުޅިވަރެއްވެސް ކުޅެލެވިދާނެއެވެ. ދީނާއި ގާތްވުމަކީ އަދަބު ލިބުން ދުރުކޮށްދޭ ކަމަކަށް ހެދުމުގެ ބަދަލުގައި އެއީ އުފާވެރި ހަނދާތަކެއް އުފެދޭނޭ ކަންކަމުގައި ހަދާށެވެ.
އުއްމީދަކީ ކޮންމެ ކުއްޖަކަށްވެސް ރަނގަޅު ނަމޫނާއެއް ދައްކުވައިދޭ މައިންބަފައިން ކަމުގައި އަހަރުމެން ވެގެން ދިއުމެވެ. އަދި އާހިރަތުގައި ރަނގަޅު ޞަލިޙް ދަރިންތަކެއް މުޖްތަމުއު ބިނާ ކުރުމުގައި ތެދުވާނެ ދުވަސްތަކެވެ.