އދ. ދިއްދޫ ކައުންސިލުގެ ކުރީގެ ފިނޭންސް އެންޑް އައިޓީ ކޮންސަލްޓަންޓު ހިޔާނާތުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި މިމަހުގެ 27 ވަނަ ދުވަހު ދިއްދޫ ކައުންސިލުގެ ކުރީގެ ފައިނޭންސް ކޮންސަލްޓަންޓު ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ސިޓީއަކުން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އެހެންކަމުން މިމައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ދިއްދޫ ކައުންސިލުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ކައުންސިލުން އޮޑިޓް އޮފީހަށް ދޮގު މައުލޫމާތު ދިނުމާއި ގަވާއިދުތަކާ ހިލާފަށް ކަންކަން ކޮށްފައިވާ މައްސަލައިގައި އެ ކައުންސިލްގެ ކުރީގެ ފައިނޭންސް އަދި އައިޓީ ކޮންސަލްޓަންޓްގެ މައްސަލަ ފުލުހަށް ހަށަހަޅާފައިވާކަމަށް ބުނެފައިވެއެވެ.
ދިއްދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި އެކައުންސިލުން އޮޑިޓް އޮފީހަށް ދޮގު މައުލޫމާތު ދިނުމާއެކު ފޭކް ސްޓޭޓްމަންޓެއް ހުށަހަޅާފައިވަނީ ކައުންސިލުގެ އެސްޖީ އާއި އޭނާގެ ފިރިމީހާ އެވެ.
ކައުންސިލުން ބަޔާންކޮށްފައިވާ ގޮތުގައި ކަރަންޓުބިލް ދެއްކުމަށް އެސްޖީގެ ފިރިމީހާގެ އެކައުންޓަށް 96،000 ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި އޭގެތެރެއިން 38،535.94 ރުފިޔާ ‘ސްޓެލްކޯ އީޕޭ’ މެދުވެރިކޮށް ދައްކާފައިވާއިރު ބާކީ ފައިސާ ކައުންސިލަށް ޖަމާކޮށްފައެއް ނުވެއެވެ.
މީގެއިތުރުން ކައުންސިލްގެ ފައިސާއިން ގަނެފައިވާ އެއްވެސް އެއްޗެއްގެ ބިލެއް ނުވަތަ ބާކީ ފައިސާ ކައުންސިލަށް ލިބިފައިނުވާއިރު މި ހަރަދުތަކުގެ ތަފްސީލު ދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް ވަނީ އެކަމަށް އިންކާރު ކުރަމުންނެވެ.