ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރަހީނުކޮށް އޭނާއަށް އަނިޔާކޮށް އަދި ވަޅިން ބިރުދެއްކި މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
އަހުމަދު އަތުހަރު ނަމަކަށް ކިޔާ ފިރިހެނަކު ކަރުގައި ވަޅިޖައްސައިގެން އަންހެނަކު ރަހީނުކޮށްގެން އުޅެނިކޮށް ފުލުހުން އެ ސަރަހައްދަށްގޮސް އެކަން ހުށްޓުވައި އޭނާ ހައްޔަރު ކުރީ ބާރުގެ ބޭނުންކޮށްގެނެވެ.
އެގޮތުން އެ ފިރިހެން މީހާގެ ސަމާލުކަން އެހެން ދިމާލަކަށް ދިޔަ ވަގުތު ފަހަތުން ފުލުހުން އައިސް އޭނާގެ މޫނުމަތީގައި މުގުރުބުރިން ޖަހާ މަންޒަރު މީސް މީޑިޔާގައި އާންމުވަމުންދާ ވީޑިއޯތަކުން ފެނެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެމައްސަލައިގައި ހިމެނޭ ފިރިހެން މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ހުކުރުދުވަހުގެ ވަގުތެއްގައި ދޫކޮށްލުމުން ފުލުހުންގެ ބެލުމުގެ ދަށަށްގެންދެވިފައިވާކަމަށެވެ.
ނަމަވެސް އޭނާ ހޮޑުލާތީ އައިޖީއެމްއަށް އޭގެ ފަހުން ގެންދެވުނު ކަމަށާއި އޭނާގެ ހާލަތު އިތުރަށް ބެލުމަށްޓަކައި މިވަގުތު ބާއްވާފައި އޮތީ އައިޖީއެމްއެޗްގެ އޮބަޒަވޭޝަންގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ށ. މިލަންދޫ، ހެޕީލޭންޑް، އަހުމަދު އަތުހަރެވެ. އޭނާއަކީ މީގެ ކުރިން ކުށެއް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެކެވެ. ނަމަވެސް މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުން ރައީސްއަށް ލިބިދޭ ބާރުގެ ދަށުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އޭނާ ވަނީ ދޫކޮށްލާފައެވެ.
މި މައްސަލައާއި ގުޅިގެން އަންހެން މީހާ ސަލާމަތްކުރުމަށް ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.