މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ފުލުހުންނަށް ފިލަން އުޅުން ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަތުހަރުގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް އޭނާގެ ޣައިރު ހާޒިރުގައި ކޯޓަށް ހުށަހެޅުމުން ގާޟީ ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
މިހާދިސާގައި ހިމެނޭ އަންހެން މީހާ ރަހީނު ކުރުމަށްފަހު ގޭތެރޭގަ އާއި މަގުމައްޗަށް ނެރެފައިވެސް ވަނީ އަންހެން މީހާއަށް އަނިޔާ ކޮށްފައެވެ. އަދި އެތަނަށް ފުލުހުން އައުމުން އަންހެން މީހާ ސަލާމަތް ކުރަން އުޅެފިނަމަ އަންހެން މީހާ މަރާލާނެ ކަމަށް ބުނެފައިވެ އެވެ.
ފުލުހުން ވަނީ ވާހަކަ ދައްކައިގެން އަންހެން މީހާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. ފިރިހެން މީހާ ހުއްޓުވުމަށް މަސައްކަތް ކުރުމުން ފުލުހުންނަށް ފިލަންވެގެން ފިރިހެން މީހާ ވަނީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ސައިކަލަށް އަރައި ފިލަން މަސައްކަތް ކޮށްފައެވެ. އަދި މަގުމަތީގައި މީހުން ގިނަވެ ސައިކަލު ގިނަވުމުން ސައިކަލު މަޑުކުރި ވަގުތުގައި ފުލުހުން ވަނީ އޭނާގެ ފަހަތުން އައިސް ބުގުރު ބުރިއަކުން އޭނާގެ ބޮލުގައި ޖަހައި އޭނާ ބިން މައްޗަށް ވައްޓާލާފައެވެ. އެއަށްފަހު އެތަނުގައި ހާޒިރުވެ ތިބި ގިނަ އަދަދެއްގެ އާންމުންނާއި ފުލުހުންވެގެން އަންހެން މީހާ ސަލާމަތްކޮށް ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.
މިހާދިސާގައި ލިބުނު ގެއްލުންތަކަށް ފަރުވާދިނުމަށް ފިރިހެން މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުން އަލުން ހޮޑުލާތީވެ އިތުރު ފަރުވާއަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އައިޖީއެމްއެޗް ހޮސްޕިޓަލުން އޭނާ ދޫކޮށްލުމުން މިއަދު ހެނދުނު އޭނާ އަލުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.