ބޮޑެތި އިންވެސްޓަރުންނަށް ރާއްޖެއިން ރަށްވެހިކަން ދިނުމަށްޓަކައި ތަޢާރަފްކުރުމަށް ނިންމާފައިވާ އިންވެސްޓަރ ރެޒިޑެންސީ ދިނުމަށް ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްވަޑައިގަތުމުގެ ކުރިން އެކަމާއި މެދު މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެކަމަށް ރައީސް ވިދާޅުވެފައިވަނިކޮށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލިހުގެ ޖަލްސާގައެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އައިސް ގޮސް އުޅެން ފަސޭހަވާނެ ގޮތަކަށް ކަންތައް ކުރުމާއި ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވާކަމަށެވެ.
އެގޮތުން ބައެއް ޤައުމުތަކުގައި ހުންނަކަހަލަ ރެސިޑެންސީ ޕްރޮގްރާމަކުން ރާއްޖެއަށް އިންވެސްޓަރުން އައުމުގެ ބަދަލުގައި މިހާރުވެސް ރާއްޖޭގައި ޕްރައިވެޓް ރެސިޑެންސް ގަނެގެން ރިސޯޓްތަކުގައި އިންވެސްޓްކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ.
މީގެ އިތުރުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، އިޤްތިޞާދު ސިންދަފާތު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އެންމެ ބޮޑު އެއް އަމާޒު ކަމަށާއި އިންވެސްޓަރ ރެޒިޑެންސީއަކީ ރާއްޖެ އެއް ކަމަކަށް ބަރާސޯވުމުގެ ބަދަލުގައި ބޭރުގެ ފައިސާއިން އާމްދަނީ ފަހި ކުރުމާއި ގުޅޭ ގޮތުން ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ.