-Advertisement-

-Advertisement-

ހުޅުމާލެ އެކްސިޑެންޓް: ހައިކޯޓުން މިނިވަން ކުރި މީހާ އަލުން ހައްޔަރުކޮށްފި

ފޮޓޯ: ދިވެހި ފުލުހުންގެ އިދާރާ

ހުޅުމާލޭ ފޭސް 2 ގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ އަލުން ހައްޔަރު ކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ޖުލައި މަހުގެ 31 ވަނަ ދުވަހު ހިނގާދިޔަ މިހާދިސާގައި ވިނަރެސް ފްލެޓްތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އޭނާ އަލުން ހައްޔަރުކޮށްފައި ވަނީ އޭނާއަށް ގާނޫނީ ވަކީލެއްގެ ހައްޤު ލިބިދީފައި ނުވާތީވެ އޭނާ މިނިވަން ކުރުމަށް ހައިކޯޓުން އިއްޔެ ޙުކުމްކޮށްފައި ވަނިކޮށެވެ.

ހައިކޯޓުގެ މިނިންމުމާއި މެދު މިނިސްޓަރު އިހުސާން ވަނީ އޭނާ އަލުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު، ރޭ މެންދަމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވަނީ އޭނާ އަލުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

ކާރު ދުއްވަން އިން އިބްރާހީމް އިކްރާމް ވަނީ އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި މިމައްސަލަ ބެއްލެވުމަށްފަހު ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) އާއި 53 ވަނަ މާއްދާގެ (ހ) ގެ ދަށުން  މުއްތަހަމްއަށް ލިބިދޭ ގާނޫނީ ވަކީލެއްގެ އެހީތެރިކަމުގެ ހައްޤަށް މުއްތަހަމް އެދުމުން އެހައްޤު ތަންފީޒު ކޮށްދީފައި ނުވާތީވެ ހައިކޯޓުން ވަނީ އެއަމުރު ބާޠިލު ކަމަށް ކަނޑައަޅައި އިބްރާހީމް އިކްރާމް މިނިވަން ކުރުމަށް އަމުރުކޮށްފަ އެވެ.

މިއާއި ގުޅިގެން ޕޮލިސް ކޮމިޝަނަރު ވަނީ މިކަން ހިނގި ގޮތް ތަހުގީގުކޮށް ފުލުހުން އިހުމާލުވެފައިވާނަމަ، އެމީހެއް ނުވަތަ އެބަޔެއްގެ މައްޗަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-