ކުޑަކުދިންނަށް ޚާއްސަ “ރޮބޯމޭން – ދަ މޫވީ” މިޑް ޓާމް ބަދުގައި އޮލްމްޕަސް ސްކްރީންގައި އަޅުވަން ނިންމައިފިއެވެ.
މިމަހުގެ 26 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއަރކުރާ ރޮބޯމޭން މޫވީ ވެގެންދާނީ ކުޑަކުދިންނަށް ހާއްސަކޮށް, ފަހުގެ ތާރީޚެއްގައި އަޅުވާ ފުރަތަމަ ފިލްމަށެވެ.
އޯކޭޒްއިންކްގެ ވެރިޔާ މުހައްމަދު މުންތަސީރް (މުންކޮ) ޕްރޮޑިއުސްކޮށްފައިވާ މިފިލްމަކީ ހުރިހާ އުމުރަކަށްވެސް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
ފިލްމުގެ ޕްރޮޑިއުސާ މުންކޮ ބުނެފައިވާ ގޮތުގައި މިފިލްމު ތައްޔާރުކޮށްފައިވަނީ، އާއިލާގެ އެންމެ އެކުގައި ގޮސް ބަލައިލެވޭނެ ގޮތަށް އަދި ހާއްސަކޮށް ކުޑަކުދިންނަށް ވަރަށް ކަމުދާނެ ގޮތަށް ކަމަށާއި މި ފިލްމުގެ ކާސްޓުގައި ވެސް ވަރަށް ގިނަ ކުޑަކުދިން ހިމެނޭނެ ކަމަށެވެ.
“މިއީ އާއިލާގެ އެންމެ އެކުގައި ގޮސް ކޮންމެހެން ބަލައިލަން ޖެހޭ ފިލްމެއް. ހެއްވާ، މަޖާ އަދި އުފާވެރި އެތައް ކަމެއް ފެންނާނެ މި ފިލްމަކީ މިހާތަނަށް ދިވެހި ސިނަމާގައި އެންމެ ބޮޑު ކްރައުޑެއް ބައިވެރިކޮށްގެން ގެނެސްދޭ ފިލްމު،” އޭނާ ބުންޏެވެ.
މުންކޮ ބުނެފައިވާ ގޮތުގައި މިފިލްމުގެ ލީޑް ކާސްޓަށް ދެކުދިން ނެގުމަށް ބޭއްވި އޮޑިޝަންގައި ވެސް 100 އަށް ވުރެއް ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރެއިން 60 ކުއްޖެއް ފިލްމުގެ އެކި ބައިތަކުގައި ފެންނާނެ ކަމަށެވެ.
ރޮބޯމޭންގެ އިތުރުން ފިލްމުގެ ލީޑް ކާސްޓްގެ ގޮތުގައި މިޝާ އިސްމާޢީލް ނިޔާޒް އަދި އަމީލިއާ ނަސްރުﷲ ޝަކީބް ވެސް މިފިލްމުން ފެނިގެންދާނެ އެވެ.
މިފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ކުރީގެ އެކްޓަރު އިބްރާހިމް ވިސާމް (ކަނޑި) އެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މަހުދީ އަހުމަދެވެ.