މިއަދު ދިވެހި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ދިވެހި ޤައުމަށް އިސްކަން ދިނުން ކަމުގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައި ޤައުމާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޤައުމާއި މުޚާތަބު ކުރައްވާ ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ރައިސް ޑރ. މުއިއްޒު ވިދާޅުވާ ފަދައިން ދިވެހި ގައުމަށް އިސްކަން ދިނުން ކަމަށާއި، “މޯލްޑިވްސް ފަސްޓް ޕޮލިސީ” ކަމަށެވެ.
“ރައީސް އަބަދުވެސް އިސްކަން ދެއްވަނީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަ ވަންތަކަން ކަށަވަރުކޮށް ބޭއްވުމަށް، ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ އެއްވެސް ކަމަކަށް މި ފަސްގަނޑުގައި ޖާގަ ނުދެއްވުމަށް، މިއަދު ދިވެހިން އަޒުމް ކަނޑައަޅަންވީ މި އަމާޒަށް ވާސިލް ވުމަށް،” ނައިބު ރައީސް
އެމަނިކުފާނު ވިދާޅުވީ މިއަދު އަޅުގަނޑުމެން މިއަދު ކުރަނީ 15 އަހަރު ދުވަސް ވަންދެން ދިވެހި ގައުމު އަޅުވެތިކަމުގައި ވަނިކޮށް މިނިވަންކަމުގެ ހައްގުގައި އުތީމު ބޮޑުކުރުފާނާއި އެތަކުރުފާނުގެ މަތިވެރި ޖިހާދުގެ ހަނދާންތައް ކަމަށާއި ބޮޑުތަކުރުފާނުގެ ޖިހާދަކީ ރާއްޖޭގެ މިނިވަންކަމުގެ ތާރީޚުގައި ލިޔެވިފައިވާ އެންމެ ކުލަގަދަ ޝަރަފްވެރި ވާހަކަ ކަމަށެވެ.
“ދިވެހި ގައުމުގެ ހައްގުގައި އެ ތަކުރުފާނު ކުރެއްވި ޖިހާދަކީ ހުރިހާ ޒަމާނަކަށްވެސް، ނަމޫނާއެއް” ނައިބު ރައީސް
ހަމަ އެޔާއެކު ނައިބް ރައީސް ވިދާޅުވީ، މިއަދު ހުރިހާ ދިވެހިން އެއް ރޫހެއްގައި އަތާ އަތް ގުޅާލައި، އަޒުމް ކަނޑައަޅަންވީ ރާއްޖެ މިނިވަންކަންމަތީ އަބަދުމެ ދެމެހެއްޓުމަށް ކަމަށާއި، ރާއްޖެއަކީ އަމިއްލަ ވަންތަ މުސްތަގިއްލު، ސިޔާސީ ގޮތުންނާއި އަދި އިގްތިސޯދީ ގޮތުންވެސް މިނިވަން ގައުމެއްގެ ގޮތުގައި ބޭއްވުމަށް ހީވާގި ކަމާއެކު މަސައްކަތް ކުރުމަށް ކަމަށެވެ.
މީގެއިތުރުން، ބޮޑުތަކުރުފާނު ފަދަ ބަތަލުންގެ ހިންމަތުން އިބްރަތް ހާސިލްކޮށް، މި ޤައުމުގެ ޙައްގުގައި ޖިހާދު ކުރާނެ ޚިދުމަތްތެރި ދަރިންތަކެއް ބިނާ ކުރުން ކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.