ބާރު ދުވެލީގައި އުޅަނދުތައް ދުއްްވައިގެން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖެހި ރޭ ހިނގި އެކްސިޑެންޓްގައި ނިޔާވި އުމުރުން 23 އަހަރުގެ ސަމާހްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައި ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވަނީ، ސަމާހުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
https://x.com/MMuizzu/status/1831997201129869773
މީގެ އިތުރުން، ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަށް އެންމެންގެވެސް އެއްބާރުލުން ބޭނުންވާކަން ފާހަގަ ކުރެއްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ވެސް މަގުތަކަކީ އަމާން، ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން މިސަރުކާރުން ކުރާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.
އެޔާއެކު ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް އެ މަނިކުފާނު މިހާރު އަންގަވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރޭގެ އެކްސިޑެންޓްގައި ސަމާހް ނިޔާވެފައިވަނީ އޭނާއަށް ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފައެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ، ވައިލެޓްފިހި، އުމުރުން 26 އަހަރުގެ މުޙައްމަދު ވިސާމް ސިދުގީއެވެ.
އޭނާގެ އަތުގައި ކާރު ދުއްވުމުގެ ލައިސަންސްވެސް ނެތްކަން ފާހަގަކޮށްލެވެއެވެ.