-Advertisement-

-Advertisement-

ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކަށް ފިޔަވަޅު އަޅައިފި

ބުރިޖު އަދި ހަލިމަގު ހުރަސްކޮށް ސައިކަލުގައި މާގަސްތަކެއް އުފުލި މީހެއްގެ މައްޗަށް ގަވައިދާ ހިލާފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން މިއަދު މީސް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ބުރިޖާއި ހަލިމަގު ހުރަސްކޮށް ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކާމެދު، ގަވައިދާ ހިލަފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

މިފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައި ވިދާޅުވެ ފުލުހުން ވަނީ، މިފަދަ އަމަލުތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރިވެފައެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި މީހަކު ސައިކަލުގައި ބުރިޖު އަދި ހަލިމަގު ހުރަސްކޮށްފައި ދިޔައިރު، ބައިވަރު މާގަސްތަކެއް އުފުލާ މަންޒަރު ފެނިގެންދެއެވެ.

އެގޮތުން އޭނާ ދުއްވާފައި ދިޔަ ސައިކަލުގެ ވަށިގަނޑުގައި އަދި މުއްގަނޑުގައި އަޅުވާފައި ހުރި ކޮތަޅުތަކުގައި ވެސް މާގަސް ހުރިއިރު، އޭނާގެ ސައިކަލުގެ ފަހަތުގައި ބަހައްޓާފައި ހުރި ފުޅިމަދު ފޮށިގަނޑުގައި ވެސް ގިނަ އަދަދެއްގެ މާގަސް ހުރިކަން ފާހަގަކުރެވެއެވެ. މީގެއިތުރުން ސައިކަލު ދުއްވަން އިން މީހާގެ އުނގުގައި މާގަސްތަކެއް ބަހައްޓާފައި ހުރިއެވެ.

ފަހަކަށް އައިސް މާލޭ ސަރައްހަދުގައި އެކްސިޑެންޓް ގިނަވެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ މިއަދު ވަނީ ނިޔާވެފައެވެ. ހަމައެއާއިއެކު ދާދި ދެންމެއަކު ވެސް މާފަންނު ބަސް ޓާމިނަލް ކައިރީގައި ދެ ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގާ އެކަކަށް ފަރުވާދިނުމަށް އައިޖީއެމްއެޗްއަށް ވަނީ ގެންދެވިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-