ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެއްކޮށް ދޯންޏަކުން ހައްޔަރު ކުރި ދިވެއްސަކާއި ބިދޭސީއެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގއ. ވިލިނގިލިން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އުމުރުން 37 އަހަރުގެ،. ލ. ފޮނަދޫ / ކެނެރީގެ، އަލީ މުމްތާޒް އަދި އުމުރުން 29 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމުގައިވާ އިރުޝާދު މިއާ ވަނީ ހައްޔަރު ކޮށްފައެވެ.
ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ފުލުހުން ވަނީ އެ މީހުން ދަތުރުކުރި ދޯނި ކަނޑުމަތިން ހުއްޓުވައި ކޫއްޑޫ ބަނދަރަށް ގެންގޮސް އެދޯނި ބަލައި ފާސް ކޮށްފައެވެ. އަދި އެދޯނި ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި 126 ގްރާމް ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
ވިލިނގިލި ޕޮލިސް ސްޓޭޝަނުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.