މަސްވެރިކަމަށް ނިކުންނަ ދޯނިތަކުން މަސް ކިރުވަމުން އަންނަ އަދަދު މައްޗަށް ދާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޯގަސްޓް މަހުގެ 24 ފެށިގެން 29 އާއި ދެމެދު ޖުމްލަ 119 ދޯންޏަކުން ވަނީ 415 ޓަނުގެ މަސް ކިރާފައެވެ.
އެގޮތުން އެންމެ ގިނައިން މަސް ކިރާފައިވަނީ އޮގަސްޓު 29 ވަނަ ދުވަހުއެވެ. އެއީ 30 ދޯންޏަކުން 113.60 ޓަނުގެ މަހެވެ.
މީގެއިތުރުން އޯގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން މި މަހުގެ 5 ވަނަ ދުވަހާ ހަމައަށް ކިރާފައިވާ މަހުގެ އަދަދު އޭގެ ކުރީ ހަފްތާއަށް ވުރެ މަތި ކަމަށް މިފްކޯއިން ބުނެފައިވެއެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި 192 ދޯންޏަކުން 467.80 ޓަނުގެ މަސް ކިރާފައިވާ ކަމަށެވެ. އަދި އެންމެ ގިނައިން މަސް ކިރާފައި ވަނީ ސެޕްޓެމްބަރު 3 ވަނަ ދުވަހު 44 ދޯނިން 135.6 ޓަނުގެ މަސް ކަމަށް ވެސް މިފްކޯއިން ބުނެފައިވެއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި އެންމެ ގިނައިން މަސް ކިރާފައި ވަނީ މ. އަދި ގދ އަތޮޅުންނެވެ.