ޕްރޮސެކިއުޓަރު ޖެނެރަލްގެ މަޤާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފްގެ ނަން ހުށަހަޅުއްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ މަޤާމަށް އައްޔަން ކުރުމަށް އައްބާސްގެ ނަމާ އެކު އިތުރު ފަސް ނަމެއް ވަނީ ހުށަހަޅާފައިވެއެވެ.
ރައީސް ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި އިއްވަވައި ނިމުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ހުރިހާ ނަންތަކެއް ވެސް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާލައްވައިފައެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ހާމަކުރައްވާފައިވާ ގޮތުގައި ހުސްވެފައިވާ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ހަ ބޭފުޅެއްގެ ނަމެއް ވަނީ ހުށަހަޅާފައެވެ. އެނަންތަކުގެ ތަފްސީލަށް އެދުމުން ޖަލްސާ ފެށި ނިމުމާއި ހަމައަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަދި ރައީސް އޮފީހުން ވެސް އެނަންތަކެއް ހާމަކޮށްފައެއް ނުވެއެވެ.
ޕީޖީގެ މަޤާމް ހުސްވެފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމް އެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމާއި ގުޅިގެންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަގާމުން ވަކި ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ އޮގަސްޓް 22 ގައެވެ. ޝަމީމް މަގާމުން ވަކި ކުރަން 65 މެންބަރަކު ވޯޓު ދެއްވިއެވެ.