މާލެގެ ގެސްޓް ހައުސެއްގައި އަނިޔާތަކަކާއެކު އޮއްވާ ފެނުނު މިހާއާއި ދެމެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ސެޕްޓެމްބަރު 9 ވަނަ ދުވަހު މާލޭގެ ގެސްޓް ހައުސެއްގައި އަނިޔާތަކާއެކު އޮތް މީހާއާއި މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ކ ތުލުސްދޫ ، ޕެރިސް އުމުރުން 23 އަހަރުގެ ފައުޒާން ޒަރީރާއި މއ ވައްކޮޅުގޭ އުމުރުން 23 އަހަރުގެ އަހްމަދު މާޒިން އިބްރާހީމް ހައްޔަރުކޮށްފައި ވާކަމަށެވެ.
އަދި ހައްޔަރުކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ދެމީހުން ބަންދުކުރުމަށް އަމުރުކޮށްފައި ވާކަމަށެވެ.
މާލޭގެ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި އުޅޭ މީހެއްގެ ޚަބަރެއް ނުވެގެން ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން ގޮސް ހެންވޭރު ގެސްޓްހައުސްއެއްގެ ކޮޓަރި ޗެކް ކުރި އިރު ޒަޚަމްތަކަކާއެކު އޮތް ދިވެހި ފިރިހެނެއް އެ ކޮޓަރިން ފެނުނީ މީގެ ދެދުވަސް ކުރިންނެވެ.
އައިޖީއެމްއެޗުން މިއަދު ވަނީ، އެމީހާގެ ހާލު އަދިވެސް ސީރިޔަސް ކަމަށާއި ފަރުވާ ދެމުންދަނީ އެ ހޮސްޕިޓާލުގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) ގައިކަމަށް ވިދާޅުވެފައެވެ. އެ މީހާ ގެސްޓްހައުސް ތެރެއިން ނެރޭ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ވަނީ އާއްމު ވެފައެވެ. އެ ވީޑިއޯގައި މީހަކު “ލޯމައްޗާއި ތަންތަން އެ އޮތީ ފުޑާލާފައި” ކަމަށް ބުނާ އަޑު އިވެއެވެ. “ހަފުސް އަރުވާލާފައި” ތި އޮތީ އެހެންވެސް އެ މީހާ ބުނާ އަޑު އިވެއެވެ. އަދި އެ މީހާގެ މޫނު މަތިން އަނިޔާ ކޮށްފައި ހުރި ކަމުގެ ނިޝާންތައްވެސް ފެންނަން ހުއްޓެވެ.