ރޭ މާލޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މަޑުކުރަން އެންގުމުން މަޑުނުކޮށް ގޮސް ފުލުހެއްގެ ގައިގައި ޖެހުނު މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ރޭ 1:20 ހާއިރު ރަސްފަންނު ކައިރިން ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވަމުން ދިޔަ މީހަކަށް މަޑުކުރަން ފުލުހުންގެ ޗެކްޕޮއިންޓުން އިޝާރަތްކުރި ނަމަވެސް އޭނާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ސައިކަލު މަޑުނުކޮށް ދާން އުޅުނު ކަމަށެވެ.
މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ މއ. ހިތްތަލަވިލާ، އާދަމް ޒިދާން (23އ) އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހާދިސާގައި ފުލުސް މީހާއަށް މާ ބޮޑު އަނިޔާއެއް ނުވެއެވެ.
ފުލުހުން މިމައްސަލައިގައި ހައްޔަރުކުރި ޒިދާންގެ ސައިކަލު ވަނީ ޓޯކޮށްފައެވެ.
ހަމައެއާއިއެކު، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައެވެ.