މާލޭ ގެސްޓްހައުސްއަކަށް ވަދެ، އިންޑިއާ މީހަކަށް ބިރު ދެއްކުމަށްފަހު ފައިސާތަކެއް ފޭރިގެންފިއެވެ.
މިހާދިސާ ހިނގި ގޮތް ހިއްސާ ކުރަމުން އެމީހާ ބުނީ ރޭގެ ވަގުތެއްގައި “ޑޮލްފިން އިން” ގެސްޓްހައުސްގެ ކޮޓަރިއެއްގައި އޮއްވާ މީހަކު އައިސް ދޮރުގައި ޓަކި ޖެހި ކަމަށެވެ. ޓަކި ޖެހުމުން އޭނާ ދޮރު ހުޅުވި އިރު ތިން މީހުން ތިބި ކަމަށާއި އެމީހުންގެ މީހެއް ކޮޓަރީގައި ހުރިތޯ އެނާ ކައިރީގައި އެހި ކަމަށެވެ.
ކޮޓަރީގައި އެއްވެސް މީހަކު ނެތް ކަމަށް ބުނެ ދޮރު ލައްޕަން އުޅުމުން އެމީހުން ގަދަކަމުން ކޮޓަރިއަށް ވަތްކަމަށް އޭނާ ބުންޏެވެ. ފުރަތަމަ ވަނީ ދެ މީހެއް ކަމަށާއި ތިންވަނަ މީހާވެސް ފަހުން ވަތްކަމަށް އޭނާ ބުންޏެވެ.
“ދެމީހުން ފުރަތަމަ ވަނީ. ފަހުން ދެން ހުރި މީހާ ވެސް ވަނީ. ވަދެ ކަރުގައި ވަޅި ޖައްސާފައި އެނދުމަތީ އޮތް ވޮލެޓުން ފައިސާ ނަގައިގެން ދިޔައީ” އޭނާ ބުންޏެވެ.
އެމީހުން ކޮޓަރިއަށް ވަދެ އޭނާގެ ވޮލެޓުގައި އޮތް 50-80 އެމެރިކާ ޑޮލަރާއި 50 ޔޫރޯގެ އިތުރުން 200 ރުފިޔާއާއި 3000 އިންޑިއަން ރުޕީސްގެ އިތުރުން އޭނާގެ ކަރުގައި އޮތް ފަށް ފޭރިގެންފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެތިން މީހުންނަކީ ވެސް ދިވެހީން ކަމަށް އޭނާ ބުނެފައިވެއެވެ.
އޭނާ ބުނީ މިމައްސަލަ މީހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.