އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި ދިރިއުޅެމުން އަންނަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސް ކުރުމަށް އިމިގްރޭޝަނުން މިހާރު ހިންގާ އޮޕަރޭޝަންގެ ތެރެއިން ސެޕްޓެމްބަރު 14 ވަނަ ދުވަހު މާލޭގެ 5 ގެއެއް ބަލައި ފާސް ކުރުމަށް ފަހު ތިން ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި މިއޮޕަރޭޝަންގެ ތެރެއިން ބަލައި ފާސް ކުރި ތަންތަނުގެ ފޮޓޯތައް ހިއްސާކޮށްފައިވާއިރު، ފޮޓޯތަކުން އެއްތަނެއްގައި 8 ގޭސް ސިލިންޑަރު މަތި މައްޗަށް ބަހައްޓާފައި ހުންނަތަނާއި، ސާފުތާހިރުކަން ކުޑަ ބަދެގެއަކާއި މޭޒެއްގެ މަތީގައި ފިހެފައި ހުރި ރޮށިތަކަކާއެކު ކަތަޅަކަށް ރިހަ އަޅާފައި ހުރިތަން ފެނިގެންދެއެވެ.
އިމިގްރޭޝަނުން ކުރިއަށް ގެންދާ މިއޮޕަރޭޝަންގެ ތެރެއިން މި މަހުގެ 12 ވނަ ދުވަހުވެސް މާލޭގެ 5 ގެއެއް ބަލައި ފާސްކޮށް 5 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.