-Advertisement-

-Advertisement-

ކުންފުނިތަކުގެ ޤާނޫނަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް

ކުންފުނިތަކާ ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހުށަހެޅުއްވި  އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ކޮމިޓީން އެ އިސްލާހުތައް ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލިހުގެ ދައުރުން ބޭރުން އިއްޔެ ބޭއްވި ދެވަނަ ޖަލްސާގައި ކުންފުނިތަކާއި ބެހޭ އިސްލާހަށް ބަހުސްކުރުމަށްފަހު އެ އިސްލާހުތައް ދިރާސާކުރުމަށްވަނީ ރައްޔިތުންގެ މަޖިލިހުގެ އިޤްތިޞާދާ ބެހޭ ކޮމެޓީއަށް ފޮނުވައިފައެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އިދާރީ މޭޒުން އިއްވުމާއެކު، މައްޗަންގޮޅި މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހުމަދު ޒަމީރު ވަނީ ބިލު ހުށަހެޅުއްވި ގޮތަށް ކޮމިޓީން ފާސްކުރަން ހުށަހަޅުއްވާފައެވެ. އޭނާގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކެނދިކުޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު މުހައްމަދު އަފޫ ހާމިދެވެ.

އެގޮތުން މި ބިލު ކޮމެޓީއަށް ހުށަހެޅި ގޮތަށް ފާސްކުރުމަށް ނިންމުނީ ކޮމެޓީގައި ތިއްބަވާ އަށް މެމްބަރުންގެ އިއްތިފާޤުންނެވެ.

އިޤްތިޞާދީ ކޮމެޓީން ދިރާސާކޮށް ފާސްކުރި ބިލާއި މެދު ބަހުސްކުރުމަށް މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިހުގެ ދައުރުން ބޭރުގެ 3 ވަނަ ޖަލްސާގައި ހުޅުވާލި ފުރުސަތުގައި އެއްވެސް މެމްބަރަކު މި ބިލާއި ބެހޭގޮތުން ބަހުސް ކުރެއްވުމަށް އެދިވަޑައިގެންފައެއް ނުވެއެވެ.

މި ބިލު ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވި 85 މެމްބަރަކު ވަނީ މި ބިލު ފާސްކުރުމަށް ތާއީދުކޮށް ވޯޓު ދެއްވައިފައެވެ.

ކުންފުނިތަކާއި ބެހޭ ޤާނޫނަށް އަލަށް ގެނެވުނު އިސްލާހުގައި ބުނާގޮތުން ކުންފުނިތަކުގެ ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭން ޖެހޭނެއެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 10 ދުވަހުގެ ތެރޭ ޖަލްސާ ބާއްވަން ޖެހޭނެއެވެ. އޭގެ އިތުރުން، ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ކަނޑައެޅިފައިވާ ދުވަހުގެ މަދުވެގެން ހަތް ދުވަސް ކުރިން ކުންފުނީގެ މެންބަރުން ނޯޓިސް ފޮނުވަން ޖެހޭނެއެވެ.

ކުންފުނީގެ ގާނޫނުގައި ބަޔާންކުރާ އަދަދަށް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި މެންބަރުން ނެތް ނަމަ، ނުވަތަ އެ އަދަދަށް ޑިރެކްޓަރުން ނެތްކަމަށް ކުންފުނިތަކުގެ ރެޖިސްޓްރާގެ ސަމާލުކަމަށް ގެނެސްފިނަމަ، އެ އަދަދަށް ޑިރެކްޓަރުން އައްޔަންކުރަން ރަޖިސްޓްރާ އަންގަވައިފިނަމަ 10 ދުވަހުގެ ތެރޭ ޑިރެކްޓަރުން އައްޔަންކޮށް ރަޖިސްޓްރާއަށް އެކަން އަންގަން ޖެހޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-