ދެ ލޯބިވެރިން ދެމެދުގައި ހިނގި ދެބަސްވުމެއްގައި ލޯބިވެރިޔާއަށް އަނިޔާކުރި މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގުމަށް މެދުވެރިވެރިވެފައި ވަނީ، ލޯބިވެރިޔާއާ މައްސަލަ ޖެހި، އެކީގައި ދާން ދެކޮޅު ހެދުމުން އެ ކުއްޖާއަށް އަނިޔާކުރުމާއި ގުޅިގެންނެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ބަންދަށް 15 ދުވަސް ޖެހުމަށް އަމުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ، އެ ޒުވާނާގެ ލޯބިވެރިޔާ ގާތުގައި އެކީ ތަނަކަށް ދާން ބުނުމުން އެ ކަމަށް އިންކާރުކޮށް، ގެއަށްދާން އުޅުނު މަގުމަތީގައެވެ. އެގޮތުން، ލޯބިވެރިޔާގެ ފަލަމަސްގަނޑުގައި ޖެހި ކަމަށާއި އެ މާރާމާރީ ހިނގި ސަރަހައްދަށް އެ ކުއްޖާ ގެންދިޔައީ ވެސް ގަދަކަމުން ނުރުހުމުގައިކަމަށެވެ.
އެހެން ނަމަވެސް މި ތުހުމަތުތަކަށް އިންކާރުކޮށް އެ ޒުވާނާ ބުނެފައިވަނީ، އަނިޔާ ލިބުނު ކުއްޖާއާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމަށާއި އަދި މިހާރު މައްސަލަތަކެއް ޖެހިފައިވީ ނަމަވެސް އަނިޔާއެއް ކޮށްފައިނުވާނެ ކަމަށާއި ޖެހީ ފާރެއްގައި ކަމަށެވެ.
އެ ފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި ދެ މީހުން އެކުގައި މަސްވެރިންގެ ޕާކަށް ދަނިކޮށް، ފުލުހުން އައިސް އެ ޒުވާނާ ހައްޔަރުކުރީ ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ.
އަދި އެކަން ވީޑީއޯ ފުޓޭޖްތަކުން ސާބިތުވާނެކަމަށް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން، އެ ޒުވާނާއަކީ މަސްތުވާތަކެތިން އަރައިގަންނަން ފަރުވާ ޕްރޮގްރާމްގައި ބައިވެރިވެގެން އުޅޭ މީހެއް ކަމަށާއި ބަންދުކޮށްފި ނަމަ ފަރުވާ ޕްރޮގްރާމް ފުރިހަމަނުކުރެވޭނެ ކަމަށް ކޯޓުގައި ބުނެފައިވެއެވެ. އަދި، ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ބުނެ، ބަންދަށް ލުޔެއް ދޭން އޭނާ ވަނީ އެދިފައެވެ.
އެހެންނަމަވެސް އެ މީހާގެ ބަންދު ޝަރީއަތުގައި ފުލުހުން ބުނެފައިވަނީ އެ ޒުވާނާއަކީ މާރާމާރީއާއި އެ ނޫން ވެސް ކުށްތަކުގެ ކުށުގެ ރިކޯޑު ގިނަ މީހެއް ކަމަށެވެ. އެހެންވެ، މައްސަލައިގެ ބާވަތުން އެ ޒުވާނާ ބަންދުގައި ބަހައްޓައިގެން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.
ތުހުމަތުކުރެވޭ މީހާ ދެއްކި ވާހަކައިގެ ހަގީގަތް ދެނެގަންނަން، ކްރިމިނަލް ކޯޓުގެ ގާޒީ ޙުސައިން ފާއިޒު ރަޝާދު ވަނީ ދެން އަންނަ ޝަރީއަތުގެ މަޖިލީހަކަށް މި މައްސަލައިގެ ވީޑިއޯ ފުޓޭޖު ހުށަހަޅަން އަންގައިފައެވެ. އަދި، ބަންދުގައި ހުންނަ މުއްދަތުގައި ވެސް ފަރުވާ ޕްރޮގްރާމް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަން ފުލުހުންނަށް ވަނީ އަންގައިފައެވެ.