ޒަޚަމްތަކަކާ އެކު ނ. ހޮޅުދޫގައި ނިޔާވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ އޮޓޮޕްސީ ނުހެދީ އިތުރަށް ބަލަން ޖެހޭ ބެލުންތަކެއް ނެތުމުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ޒަކިއްޔާގެ ހަށިގަނޑު ރާއްޖެ އިން ބޭރަށް ގެންގޮސްގެން އޮޓޮޕްސީ ނުހެދީ ހަށިގަނޑުން ނަގަން ޖެހޭ ސާމްޕަލްތަކާއި ތަހުލީލްތައްކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ފަރާތުން ހޯދަން ބޭނުންވި ރައުޔުތައް ހޯދުމަށް ފަހު އޮޓޮޕްސީ ހަދަން ޖެހޭ ސަބަބެއް އޮތް ކަމަށް ތަހުގީގަށް ނުފެންނާތީ ކަމަށެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރައްވަމުން އަންނަ ކަމަށާއި ފަހުން އިތުރު މަޢުލޫމާތު ހިއްސާ ކުރައްވާނެކަން ފާހަގަކުރައްވާ ޝިފާޢު ވިދާޅުވީ ތަހުގީގު ޓީމެއް މިހާރު ވެސް ހޮޅުދޫގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ޒަހަމްތަކަކާއިއެކު ޒަކިއްޔާ ނިޔާވެފައި އޮތް ތަން ފެނިފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު ޒަކިއްޔާ ދިރިއުޅެމުން އަންނަ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 50 އަހަރުގެ ޒަކިއްޔާ ނިޔާވެފައި އޮތްއިރު، އޭނާގެ ކަރުގައި ޒަހަމްތަކެއް ވެސް ހުރިއެވެ.
ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނު ގުދަނަކީ އެ ގޭގެ މީހުން ވިޔަފާރިއަށް ބޭނުންކުރާ ސާމާނު ރައްކާކޮށް، ގޭގެ ކުނި ބަހައްޓާ ތަނެވެ. އަދި ޒަކިއްޔާގެ ހަށިގަނޑު ފުރަތަމަ ފެނުނީ ވެސް ވޭސްޓް މެނޭޖްމަންޓް ޕްލާންޓުގެ ބިދޭސީ މުވައްޒަފަކަށެވެ.