ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރާއީލާއި ދެކޮޅަށް އަޑު އުފުލި މައްސަލައިގައި ހައްޔަރުކުރި އައިޝަތު ޝާދިޔާ ބަންދުކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.
އެމްބަސީތައް ކައިރީގައި އަޑުއުފުލި މައްސަލައިގައި ޑރ. އިޔާޒް އަބްދުއްލަތީފްގެ އަނބިކަނބަލުން ޝާދިޔާގެ އިތުރުން ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކުރުމަށްފަހު ދެފަހަރަތުމަތީން ކްރިމިނަލް ކޯޓުން ވަނީ އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. ބަންދުން ދޫކޮށްލާފައި ވަނީ މިމަހުގެ ކުރީ ކޮޅުގައެވެ.
މިމައްސަލައިގައި ކްރިމިނަލް ކޯޓުން ޝާދިޔާ ބަންދުކުރަން ނެރެފައިވާ އަމުރު އިސްތިއުނާފު ކުރުމަށް ޝާދިޔާގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާއިރު، ހައިކޯޓުން މިމައްސަލަ ބަލައިގަތުމާއިމެދު އަދި ވަކި ގޮތެއް ކަނޑައަޅައިފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ ޝާދިޔާ އަދި ޑރ. ޝަޒްރާ ހައްޔަރުކުރީ އެމްބަސީތައް ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލެވުމާއި ބޭ އަދަބީ ބަހުން މުއާމަލާތު ކުރުމުގެ އިތުރުން ސަފީރުންނަށް އުނދަގޫވާ ގޮތަށް އަމަލު ކުރުމުން ކަމަށެވެ. އަދި ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އެކަން ހުއްޓާލައިފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.
ޝާދިޔާ އާއި ޑރ. ޝަޒްރާ އަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމާއި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ އިތުރުން އެގައުމުން ހިންގާ ލާއިންސާނީ އަމަލުތަކަށް ތާއިދުކުރާ ބްރޭންޑްތައް ރާއްޖޭގައި ބޮއިކޮޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ މީހުންނެވެ.
ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުމަށް އެއްވެ އުޅުމުގެ ތެރޭގައި އެމީހުން ބަންދު ކުރުމުން އަދާލަތު ޕާޓީ އާއި އެމްޑީޕީން އަދި އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވަނީ އެކަން ދިފާޢު ކުރައްވާފައެވެ.