ގދ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބްލްޑް ބޭންކެއް ހުޅުވައިފިއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވުމަށް އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި ބްލަޑް ބޭންކް ހުޅުވައިދެއްވީ، ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލެވެ.
މި ބްލަޑް ބޭންކް ހުޅުވުމަށް ބޭއްވި ރަސްމިޔާތުގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންނާއި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު، ސައުދުﷲ ހިލްމީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ތެލެސީމިޔާ ކުދިންނަށް ފަރުވާދިނުން ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް އާސަންދަ ސްކީމުގެ ދަށުން ފަސޭހައިން ލިބޭނެ އިންތިޒާމުގެ އިތުރުން އަތޮޅުތެރޭ 5 ރަށެއްގައި ބްލަޑް ބެންކުތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރުގެ ރިޔާސީ ބަޔާން އިންވަމުން އިއުލާނުކުރައްވައިފައެވެ.
މީގެ އިތުރުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ވަނީ، އެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެކަންވެސް އިއުލާނުކުރައްވައިފައެވެ.
ސަރުކާރުން ވަނީ ތިނަދޫގައި ޓާޝަރީ ލެވެލްއަށް ސިއްހީ ހިދުމަތް ދެވޭ ގޮތް ހެދުމަށް ރާވާފައެވެ. އެގޮތުން އެ މަސައްކަތުގެ ތެރެއިން، އެ ހޮސްޕިޓަލުގައި ވެލްނެސް ސެންޓަރަކާއި އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރެއް ވެސް ގާއިމު ކުރުމަށް ވަނީ ނިންމަވާފައެވެ.