ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ސްކޭމްތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 2.2 މިލިއަން ރުފިޔާ ފުލުހުން ހޯދައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ސްކޭމްކޮށްގެން ގެއްލިފައިވާ 2.2 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.
އެހެންނަމަވެސް އަދިވެސް ގިނަ ބަޔަކު ޚިޔާނާތްތެރިންގެ ޝިކާރައަކަށްވެ ސްކޭމްތަކުގައި ޖެހެމުން ދިއުމަކީ ހިތާމައެއް ކަމަށް އޭނާ ވިދާޅުވި މއެވެ.
ފުލުހުން ދަނީ ސްކޭމްތަކަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ޖުލައި މަހާއި ހަމައަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާ ގުޅިގެން 500 އަށްވުރެ ގިނަ ބޭންކު އެކައުންޓު ބްލޮކް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.