ތަފާތު ބޭނުންތަކުގައި ރާއްޖެއަށް ކެމިކަލް އެތެރެކޮށް އެތަކެތި ވިއްކާ ގެންގުޅޭ ތަންތަނުގައި އެކަން ކުރަނީ ޤަވާއިދާއި އެއްގޮތަށްތޯ ބެލުމަށް ޚާއްސަ އޮޕަރޭޝަނެއް ފެށުމަށް ތައްޔަރުވެއްޖެއެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން ޑިފެންސް މިނިސްޓްރީގެ ފަރާތުން ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ވަނީ، މި އޮޕަރޭޝަނަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ތެރެއިން، ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަދައިފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް ފުރިހަމައަށް ތަންފީޒުކުރުމަށް އެ މިނިސްޓްރީއަށް ލާޒިމްކުރާ ކަންކަން ކުރެވޭކަން ކަށަވަރުކުރުމަށް، ކުރަން ރޭވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އެގޮތުން ރާއްޖެއަށް އެކި ބާވަތްތަކުގެ ކެމިކަލް އެތެރެކުރުމާއި ގުދަންކޮށް އެތަކެތި ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ އަކީ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާކަމެއްކަން އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ވުމާއެކު އެތަކެތި އެތެރެކޮށް ބޭނުންކުރަނީ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިންތޯ ބެލުމަކީ ޤާނޫނުން ޑިފެންސް މިނިސްޓްރީގެ މައްޗަށް ލާޒިމް ކުރާ ކަމެއްކަން ފާހަގަކޮށް އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެފަދަ ކެމިކަލްތަކަށް ހުއްދަ ދެނީ ޤާނޫނީ އިމުގެ ތެރެއިން ނަމަވެސް އެތަކެތި ގެންގުޅުމުގައި ބައެއް ފަރާތްތަކުން ގަވައިދާ ޚިލާފުވާ ކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބޭ ކަމަށެވެ.
ވުމާއެކު އެފަދަ ކަންކަމަކީ ޙައްލު ނުކެރިވިއްޖެނަމަ، އިއާދަ ނުކުރެވޭ ފަދަ ގެއްލުންތަކަކަށް ދިވެހި ރައްޔިތުން ހުށަހެޅިގެން ދިޔުމަށް ހުޅުވޭ ދޮރެއް ކަމުގައި ދެކޭކަމަށް ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
އެގޮތުން އަންނަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ކެމިކަލް ރައްކާ ކުރާ ތަންތަން އިންސްޕެކްޓް ކުރުމަށާއި ނުރައްކާތެރި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަން ކުރުމުގައި އަމަލު ކުރުމަށް ހަދައިފައިވާ ގާނޫނުތަކާއި ޤަވާއިދުތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް، ޒޯނުތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމައިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ތޮއްޖެހިފައިވާ މާލެ ސަރަހައްދުގައިވެސް ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ހިސާބުތަކުގައި ރައްކާތެރި ނޫން ގޮތްގޮތަށް ގިނަ އަދަދަކަށް ނުރައްކާތެރި ކެމިކަލްތައް ރައްކާކޮށްފައި ހުންނަ ތަންތަން ހުރެއެވެ.