އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ޒިޔާރަތް ކުރައްވައިފިއެވެ.
އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި “ނެޝަނަލް ސޭފްޓީ ކޮންފަރެންސް 2024” ޝަރަފުވެރިކޮށް ދެއްވުމުގެ ގޮތުން އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާ ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކޮށް، ހޮސްޕިޓަލްގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ ޤާއިމު ކުރެވުނު ފުރަތަމަ ޓާޝަރީ ހޮސްޕިޓަލެވެ. ދެހާސް ވިހިވަނަ އަހަރުން ފެށިގެން މިހޮސްޕިޓަލު ހިނގަމުން އަންނައިރު، މިހާރު އެހޮސްޕިޓަލުގެ ސީއީއޯގެ މަޤާމުގައި ހުންނެވީ މިސަރުކާރުން އެމަޤާމަށް އައްޔަންކޮށްފައިވާ ޑރ. އިބްރާހީމް ޔާސިރެވެ.
އޭއީއެޗް ހިނގަމުން އަންނަ އިމާރާތަކީ 2011 ވަނަ އަހަރު 17 ވަނަ ސާކް ސަމިޓް ބާއްވަން ހެދި ކޮންވެންޝަން ސެންޓަރެވެ. މިސެންޓަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން މިއިމާރާތް ހޮސްޕިޓަލަށް ބަދަލުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައި ރައީސް ޑރ. މުޢިއްޒު އެވެ.