އައްޑޫގެ ކަރަންޓު ހާލަތު ރަނގަޅު ކުރުމަށް ހިންގާ ޕްރޮޖެކްޓަށް ބިން ހަމަޖައްސުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިހާރު މާލެ އަށް ކުރަމުންދާ ދަތުރުގައި ފެނަކައިގެ އިސްވެރިންނާއެކު ބައްދަލުކުރައްވާ ކުރިއަށް ގެންދިޔަ މިބައްދަލުވުމަށްފަހު ފެނަކަ އިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އައްޑޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ހިންގާ ޕްރޮޖެކްޓުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާ ކުރުމުގެ އިތުރުން އެ ޕްރޮޖެކްޓަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.
ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ވަނީ އައްޑޫގެ ކަރަންޓް ހާލަތު ރަނގަޅު ކުރުމަށް މިއަހަރުގެ އެޕްރީލް 18 ގައި ޗައިނާގެ ކުންފުންޏެއްކަމަށްވާ ޑޮންފަންގް އިލެކްޓްރިކް އާއި ހަވާލުކޮށްފައެވެ. އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށެވެ.
ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސްކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއަށް ފެނަކައިން ފައިސާ ދައްކާ ނިންމަން ކަނޑައަޅާފައި ވަނީ 12 އަހަރެވެ. ފެނަކައިން ބުނެފައިވާ ގޮތުގައި މި މަޝްރޫއު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ފުރަތަމަ ފޭހުއި އިންސްޓޯލް ކުރާނީ 9.8 މެގަވޮޓްގެ ގެ ދެ ޖެނަރޭޓަރު ސެޓާއި 5.8 މެގަވޮޓްގެ ގެ ދެ ޖެން ސެޓް ކަމަށެވެ.