މާލެ އަތޮޅު ހުވަފެންފުށްޓަށް ދަތުރުގޮސް އުޅެނިކޮށް އޯގަސްޓްމަހުގެ 30 ވަނަ ދުވަހުން މާލެ އަތޮޅު ހުވަފެންފުށްޓަށް ދަތުރުގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ ތަސްލީމް މުހައްމަދު ހޯދުމަށްޓަކައި އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި ތަސްލީމު ގެއްލިގެން ހޯދުމަށް ނެރުނު ޔެލޯ ނޯޓިސް ސެޕްޓެމްބަރު 12 ވަނަ ދުވަހު އިންޓަޕޯލްއިން ޝާއިއުކޮށްފައިވާ ކަމަށެވެ. އިންޓަޕޯލް ނޯޓިސްއަކީ ގެއްލިގެން ހޯދާ މީހުންގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ގޮތުން ނެރެވޭ ނޯޓިސްއެކެވެ.
އެގޮތުން އިންޓަރޕޯލްއިން ޝާއިއުކުރާ ނޯޓިސް ތަކަކަކީ އިންޓަޕޯލް މެމްބަރު ހުރިހާ ޤައުމަކަށްވެސް ފެންނަ ގޮތަށް ޝާއިރުކުރާ ނޯޓިސްތަކެއް ކަމަށާއި މި ގޮތަށް ޝާއިރު ކުރާ ކޮންމެ ނޯޓިސް އަކީ އާންމުންނަށް ފެންނަ ގޮތަށް އިންޓަޕޯލް ވެބްސައިޓުގައި ޝާއިއު ކުރާ ނޯޓިސްއެއް ނޫންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އޯގްސްޓް މަހުގެ 29 ވަނަ ދުވަހު ތަސްލީމު ހިމެނޭހެން 5 މީހުންގެ ގްރޫޕަކުން ހުވަފެންފުށި ކައިރީގައި އޮންނަ ފަސްގަނޑަކަށް ފުރީ ދަތުރު ރޭވި މީހުންގެ ރައްޓެހި ރަހުމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓު މަސައްކަތް ކުރުމަށެވެ.
ތަސްލީމު ނެތްކަން ފާހަގަވެ އޭނާ ހޯދުމުގެ މަސައްކަތް ފެށީ، އޯގަސްޓް 30 ވަނަ ދުވަހު ހެދުނު 7:45 އާއި 9:00 އާ ދެމެދުގެ ވަގުތެއްގައެވެ. އޭނާ މާލެ ދާން ބޭނުންވާ ވާހަކަ ބުނުމުން އެދުވަހު ހެދުނު 10:00 އާއި 11:00 އާ ދޭތެރޭ މާލެ ފުރި ލޯންޗަކުން އޭނާ މާލެ ފޮނުވާލުމަށް ބަލާލިއިރު ތަސްލީމު ފެނިފައި ނުވާކަމަށް ދަތުރުގެ ބައިވެރިން ބުނެފައިވެއެވެ.
ތަސްލީމު ގެއްލިގެން ރިޕޯޓު ކުތި ހިސާބުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތުގައި ޕޮލިހާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން އެސަރަހައްދު ޑައިވްކޮށްގެން 31 އޮގަސްޓު ން 1 ސެޕްޓެމްބަރަށް އަދި ސެޕްޓެމްބަރު 6 ވަނަ ދުވަސް ހިމެނޭހެން (ޖުމްލަ 3 ދުވަސް) 943998 އަކަމީޓަރުގެ ސަރަހައްދު ޑައިވްކޮށް ބަލާފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މި މައްސަލައިގައި މިހާތަަނަށް ތަސްލީމުއާ އެކީ ދަތުރުދިޔަ ގުރޫޕުގައި ހިމެނޭ މީހުންނާއި އެފަސްގަނޑަށް ދަތުރުގޮސް ތިބި އިތުރު ގުރޫޕުގެ 12 މީހުންނާ ވަނީ ސުވާލުކޮށްފައެވެ.
އަދި ތަހުޤީގާ ގުޅޭ ގޮތުން ފުލުހުން ތަސްލީމުގެ އާއިލާއާ ބައްދަލުކޮށް، މައުލޫމާތު ސާފުކުރުމުގެ އިތުރުން ތަޙުޤީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު އާއިލާއާ ހިއްސާކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.