އިންޑިއާގެ ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ބޭނުން ކުރަމުން އަންނަ ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށް ބޭނުންކުރަން ފަށައިފިއެވެ.
މި ކާޑު ރާއްޖެއަށް ތަޢާރަފުކޮށް ބޭނުންކުރަން ފަށައިފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލު ކުރެއްވުމަށް މޯދީގެ ރަސްމީ ގެކޮޅުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މިރަސްމިއްޔާތުގެ ތެރެއިން ވަނީ ރާއްޖެއަށް ރުޕޭ ކާޑު ތައާރަފުކޮށް ރާއްޖޭގައި ރުޕޭ ކާޑުން ކުރި ފުރަތަމަ މުޢާމަލާތުގެ ގޮތުގައި، ރާއްޖޭގެ ފިހާރަޔަކުން އެ މުޢާމަލާތް ކުރާ މަންޒަރު ލައިވްކޮށް ދައްކައިފައެވެ.
ރުޕޭއަކީ އެކި ޤައުމުތަކުގައި ބޭނުން ކުރެވޭ ގޮތަށް ރިޒާވް ބޭންކުން 2016 ވަނަ އަހަރު ތައާރަފް ކުރި ކާޑެކެވެ.
އިންޑިއާ (އެންޕީސީއައި)ގެ ޕްރޮޑަކްޓެއް ކަމަށްވާ ރުޕޭ އަކީ މިހާރު ދުނިޔޭގެ 300 މިލިއަން އަށް ވުރެ ގިނަ މީހުން ބޭނުންކުރަމުންދާ އިންޑިއާގެ ފުރަތަމަ ގްލޯބަލް ކާޑު ޕޭމަންޓް ނެޓްވޯކްވެސް މެއެވެ.
ރާއްޖެއަށް ރުޕޭ ކާޑު ތައާރަފުކުރުމާއި ގުޅިގެން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގައި ރުޕޭ ކާޑު ބަލައިގަތުން މަގުފަހިކުރުމަށް ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ އާއެކު ބައިވެރިވެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.
ރުޕޭ ކާޑު ސިސްޓަމްގެ ސަބަބުން ރިއަލް ޓައިމް، ހަރަދު ކުޑަވެ އަދި އަމިއްލަ ފައިސާއިން ފަސޭހައިން ފައިސާ ދެއްކޭނެ މަގު ފަހިވެގެންދާނެއެވެ. މި ޚިދުމަތުގެ ސަބަބުން ޑިޖިޓަލް ޓްރާންސެކްޝަން ހަލުވިވެ، ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފައިދާވެ، ޤައުމުތަކުގެ މެދުގައި ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުވެގެންދާނެއެވެ. ރުޕޭ ކާޑުގެ ހިދުމަތް ރާއްޖޭގައި ތައާރަފް ކުރުމުން ބޭންކްތަކަށް ރުޕޭ މެކޭނިޒަމްގެ މައްޗަށް ބިނާކޮށް ކާޑު ދޫކުރުމުގެ ފުރުސަތު ފަހިވެ، އިންޑިއާ އާއި ރާއްޖޭގެ އާބާދީތަކަށް ރުޕޭ ކާޑު ބޭނުން ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.
ރާއްޖެއަށް ރުޕޭ ކާޑު ތައާރަފު ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަވެސް ފެށުނީ ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު މިދިޔަ އޮގަސްޓު މަގުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސޮއި ކުރެއްވި އެއްބަސްވުމުގެ ދަށުންނެވެ.
ރާއްޖެއަށް ރުޕޭ ކާޑު ތައާރަފުކުރުމާއެކު،ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުންނަށް ވެސް އަދި އިންޑިޔާގައި ދިރިއުޅޭ ދިވެހިންނަށްވެސް ދެ ޤައުމުގައިވެސް ރުޕޭ ކާޑު ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ކުރެވޭނެއެވެ.