އިސްލާމީ މަރުކަޒުގެ މުންނާރު ވަށައިގެން އޮންނަ މަސްފެންގަނޑު މަރާމާތު ކުރުމާއި ބެހޭ ގޮތުން ސްޓެލްކޯއިން އިސްލާމިކް މިނިސްޓްރީ އާއިއެކު މަޝްވަރާކޮށްފިއެވެ.
މިއަދު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ބައްދަލުކުރައްވައި މިކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާއިރު، އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއީ ސްޓެލްކޯގެ ސީއެސްއާރްގެ ދަށުން ކުރަން ބޭނުންވާ މަސައްކަތެއް ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ރާއްޖޭގެ ސަޤާފީ އަދި ދީނީ ތަންތަން ހިމާޔަތްކުރުމަށް އެހީތެރިވުމުގެ ފުރުސަތުތައް ހޯދުމަކީ އެ ކުންފުންޏަށް ލިބޭ ޝަރަފެއް ކަމަށެވެ.
“އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި ވާ ފެންގަނޑަކީ ތާރީހީ މުހިންމު ތަނެއް، އެ ތަނަކީ ވަރަށް ހިތްގައިމު ތަނެއްގެ ގޮތުގައި ދެމިއޮތުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން. މިތަން އަލުން އިއާދަކޮށް، މިތަން ތަރައްގީ ކުރުމަށް ތި ވުޒާރާގެ ޓީމާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރަން،”. ފަހުމީ
އިސްލާމީ މަރުކަޒުގައި އޮންނަ މަސް ފެންގަނޑު ހަދައިދޭނެ ބައެއް ހޯދުމަށް ވަރަށް ފަހުން އެ މިނިސްޓްރީން އިއުލާނެއް ވެސް ކުރިއެވެ. އެހެން ނަމަވެސް ސަރުކާރުގެ މާލީ ޙާލަތަށް ބަލައި އެއީ މިވަގުތަށް ކުރުން އެންމެ މުނާސަބު ކަމެއް ކަމުގައި ނުވުމުން، ފަހުން އެ އިއުލާން ބާޠިލް ކޮށްލައިފައި ވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.