ސަލާމަތް ޞިއްޙަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފުސާނީ ދުޅަހެޔޮކަން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުފެއްދުންތެރި، މުރާލި އަދި ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ ނަފުސާނީ ޤާބިލުކަމަކީ ބޮޑު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ.
މީއާއިއެކު އެމަނިކުފާނު ވަނީ ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފައެވެ.
މި އަހަރުގެ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރަކީ “މަސައްކަތުގެ މާޙައުލުގައި ނަފުސާނީ ދުޅަހެޔޮކަން” އެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާބާދުތައް، ނަފުސާނީ ބަލިތަކަށް ހޭލުންތެރިކުރުވުމާއި، ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް އެއްބާރުލުންދެނިވި މަސައްކަތްތަކެއް ކުރުމެވެ.