-Advertisement-

-Advertisement-

އެމްއެސްއެސް ބޯޓުތަކުގައި މިފްކޯގެ އުފެއްދުންތައް އެކްސްޕޯޓު ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ފޮޓޯ: މިފްކޯ

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ބޯޓުތަކުގައި މިފްކޯގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރުމާއި ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހަވީރު އެސްޓީއޯ ޓްރެއިނިންގް އިންސްޓްޓިއުޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މިފަހުމުނާމާގައި ސޮއިކޮށްފައިވާއިރު، އެމްއެސްއެސްގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް އަޙުމަދު ޝަރީފެވެ. އަދި މިފްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ މިފްކޯ ހިންގުމާ ހަވާލުވެހުންނެވި ސީއެފްއޯ އިލްޔާސް ޙަނީފެވެ.

މިފަހުމުނާމާއިގެ ދަށުން، މިފްކޯގެ މަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ހުރިހާ ލޮޖިސްޓިކްސް ސޮލިއުޝަންއެއް އެމްއެސްއެސް ފޯރުކޮށްދޭނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މިފްކޯ ފެސިލިޓީތަކުން އެމްއެސްއެސްގެ ކޮންޓެއިނަރުތަކަށް މިފްކޯގެ ޕްރޮޑަކްޓްތަކުގެ ތެރެއިން ފުރޯޒަން ޓޫނާ, ކޭންޑް ޓޫނާ, ޓޫނާ ޕައުޗް އަދި ފިޝްމީލް ލޯޑުކޮށް، މި ކޮންޓެއިނަރުތައް އެމްއެސްއެސްގެ ލޯކަލް އިންޓަރ އެޓޯލް ޓްރާންސްޕޯޓް ކުރާ ބޯޓު “އެމްއެސްއެސް އޯޕަލް” މެދުވެރިކޮށް މާލެ ގެނެސް، މިތަކެތި ރާއްޖެއިން ބޭރަށް ދަތުރުކުރާ އެމްއެސްއެސްގެ ފީޑަރ ބޯޓުތަކުގައި އޭގެ މަންޒިލަށް އެކްސްޕޯޓް ކުރެވިގެންދާނެއެވެ.

މިއެއްބަސްވުމުގެ ސަބަބުން އެމްއެސްއެސް މެދުވެރިކޮށް ދުނިޔޭގެ ކޮންމެތަނަކަށްވެސް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހިވެ، މީގެ ކުރިން މަސް އެކްސްޕޯޓް ކުރަމުން އައި ގޮތް ބަދަލުވެ، މިކަމަށް ދާ ޚަރަދު ކުޑަވެގެންދާނެއެވެ. އަދި، މިފްކޯގެ ސްޓޯރޭޖް ދަތިތަކަށް ޙައްލެއް ލިބި، އެހެން މާކެޓްތަކަށް ފަސޭހަކަމާއެކު މިފްކޯއަށް ވާސިލްވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

މި ޚިދުމަތުގެ ސަބަބުން މިފްކޯއަށާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބޭ މުހިންމު ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ހަރަދު ކުޑަވުމާއި، އެފިޝަންސީ ރަނގަޅުވެ މިފްކޯގެ އޮޕަރޭޝަންތަކަށް ލުއިތަކެއް ލިބި، މ މިފްކޯއަށް އާ މާކެޓްތައް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ހަމައެފަދައިން މި ޚިދުމަތުގެ ސަބަބުން އެމްއެސްއެސްއަށާއި ރާއްޖޭގެ ޝިޕިންގް ސިނާއަތުގެ އެކްސްޕޯޓް ވޮލިއުމް އިތުރުވެ، ރާއްޖޭގެ ޝިޕިންގ ހަރުދަނާކުރެވިގެންދާނެ އެވެ.

އެމްއެސްއެސް އިން މިފްކޯގެ މަސް އެކްސްޕޯޓު ކުރުމުގެ ޓެކްނިކަލް މަސައްކަތާއި ހަވާލުވުމުން، މިފްކޯގެ ކުރިން ހިނގަމުންދިޔަ އޮޕަރޭޝަން ލުއިވެ، މިފްކޯގެ މައިގަނޑު މަސައްކަތް ކަމުގައިވާ ދިވެހި މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމުގެ މަސައްކަތަށް އިތުރަށް ސަމާލުވެ މަސްއޫލުވުމަށް ފުރުޞަތު ލިބިގެންދާނެއެވެ.

މީގެއިތުރުން، މި ޚިދުމަތުގެ ސަބަބުން އެމްއެސްއެސްއަށާއި، މިފްކޯ، އަދި ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް މަސްވެރިކަމުގެ ސިނާއަތަށް ފައިދާތަކެއް ކުރާނެކަމަށް ބެލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-