ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށް ފެނަކައާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ގުޅިގެން ފަޔަރ ސޭފްޓީ ޓްރޭނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ބައިނަލްއަޤުވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ވަނީ ފޯރުކޮށްދެވިފައެވެ.
މީގެއިތުރުން، އަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ އުނގަންނައިދީފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމުގައި ފެނަކައިގެ މުވައްޒަފުންގެ އިތުރުން އެ ސިޓީގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި ސްކޫލު ދަރިވަރުން ހިމެނޭ ގޮތަށް 132 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.