ވިފާޤް އިބާރާހިމްގެ މަރާއި ގުޅިގެން ސެންސިޓިވް ވާހަކަތަކެއް އެންމެ ރަނގަޅު ނޫން ގޮތުގައި ގެނެސްދެވުމުން ފުލުހުން މަޢާފަށް އެދިފިއެވެ.
ވިފާޤްގެ މަރާއި ގުޅިގެން ފުލުހުން އިއްޔެ އިސްކަންދަރު ބިލްޑިންގްގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ފުލުހުން ދެއްވި މީޑީއާ ބްރީފިންގްގައި ވިފާޤްގެ މަރާއި ގުޅިގެން ސެންސިޓިވް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ބުނެ އާއްމުން ވަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް، ފާޑުކިޔާފައެވެ.
މިކަމާއި ގުޅިގެން ފުލުހުން މިރޭ އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ އެމީޑިއާ ބްރީފިންގައި އެމައްސަލައިގެ ތަހުޤީގާއި ގުޅުންހުރި މަޢުލޫމާތު ދިނުމުގައި މައްސަލާ އާއި ގުޅުން ހުރި ތަފްސީލު މައުލޫމާތުތަކެއް ދީފައިވަނީ އެމައްސަލަ އާއި ގުޅޭ ގޮތުން މީޑިއާއަކުން އެކަމުގެ ހަގީގަތްތަކެއް އޮޅޭ ގޮތަށް ފުލުހުންގެ މުއައްސަސާގެ ތަހުޤީގު ކުރިއަށް ގެންގޮސްފައިވާ ގޮތާއި ގުޅޭ ގޮތުން އަދި ނިޔާވެފައިވާ ފަރާތުގެ އާއިލާގެ ބައެއް ފަރާތްތަކާއިވެސް ގުޅޭ ގޮތުން ހަގީގަތާއި ޚިލާފު ވާހަކަތަކެއްވެސް ހިމެނޭގޮތުން ޕްރޮގްރާމެއް ތައްޔާރުކޮށް ބޮރޯޑްކާސްޓް ކުރުމުން ކަމަށެވެ.
ފުލުހުން ވިދާޅުވީ އެމައުލޫމާތުތައް ފުލުހުން ދީފައިވާނީ ނިޔާވި ކުއްޖާގެ މަންމަ އާއި ބައްޕަ ހިމެނޭގޮތަށް އެކުއްޖާގެ އާއިލާއަށް ވެސް އެކަން އެނގިގެން ކަމަށެވެ.
މިއާއިއެކު ފުލުހުން ވިދާޅުވީ އެމީޑިއާ ބްރީފިންގައި ވިފާޤް އާއި ގުޅުން ހުރި ސެންސިޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫން ގޮތުގައި ގެނެސްދެވިފައިވާ ކަމަށާއި އެކަން ފުލުހުންގެ ޚިދުމަތުން ޤަބޫލު ކުރާ ކަމަށެވެ. އަދި އެކަމަށް އެންމެހާއި ފަރާތްތަކުގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.