އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ޤައުމީ އެއަރ އެމްބިއުލާންސް ޚިދުމަތަށް 16 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓްތައް ހަދިޔާކޮށްފިއެވެ.
އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިއަދު ހަދިޔާކުރި ސްޕެޝަލައިޒްޑް އިކުއިޕްމަންޓްގެ ބެޗަކީ، ދަތުރުމަތީގައި ބަލިމީހުންގެ ފަރުވާ ރަނގަޅުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ހަރުދަނާ ގޮތެއްގައި އިޖާބަ ދިނުމުގެ ޚިދުމަތުގެ ޤާބިލްކަން ފުޅާކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ބެޗެއް ކަމަށް އުރީދޫއިން ބުނެފައިވެއެވެ.
މިއެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އުރީދޫއިން އެއާ އެމްބިއުލާންސް ހިދުމަތަށް ފޯރުކޮށްދިން މި އަގުހުރި އެހީއަކީ ވިޔަފާރިތަކުން އިންސާނިއްޔަތުކަމަށް އިސްކަންދީގެން މަސައްކަތް ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ.
“ރާއްޖޭގެ ސިއްހީ ޚިދުމަތަށް އިންވެސްޓްކޮށްގެން ތިޔަބޭފުޅުން އިންވެސްޓް ކުރައްވަމުން ގެންދަވަނީ، ކޮންމެ ދިވެއްސަކަށް ވެސް އަޅާލާ، އަގުވަޒަންކޮށް، ރައްކާތެރިކަން އިހްސާސްކޮށްދީގެން. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޯލްޑް ސްޓޭންޑަޑެއް ތިޔަބޭފުޅުން ކަނޑައަޅުއްވައިފި،” ނާޒިމް
މީގެއިތުރުން ނާޒިމް ވިދާޅުވީ އެހެން ފަރާތްތަކުން ވެސް މުޖުތަމައުގެ ފައިދާއަށް މަސައްކަތް ކުރުމުގައި އުރީދޫ ނަމޫނާއަކަށް ބަލަންވާނޭ ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ޚާލިދު އަލް-ހަމާދީ ވިދާޅުވީ، މުޖުތަމައުގެ އެންމެ މުހިންމު ބޭނުންތައް ފުއްދުމައްޓަކައި ޕާޓްނަރޝިޕްތަކަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އުރީދޫ އިން ޤަބޫލުކުރާ ކަމަށެވެ.
އެގޮތުން ސިއްހީ ހިދުމަތަކީ އަސާސީ ހައްޤެއް ކަމަށްވުމާއިއެކު، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަދަ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާއި ގުޅިފައިވާ މަސައްކަތްތައް އެހީ ފޯރުކޮށްދިނުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަކީ އުރީދޫ އިން ފަޚުރުވެރިވާ ކަމެއް ކަމަށެވެ.
“އަޅުގަނޑުމެންގެ ފަރާތުން ގާތްގަނޑަކަށް 16 މިލިއަން ރުފިޔާގެ މިއިންވެސްޓްމަންޓަކީ، ވަކި ސަރަހައްދަކަށް ބެލުމެއްނެތި ކޮންމެ މީހަކަށްވެސް، ބޭނުންވެއްޖެ ހިނދެއްގައި ކްރިޓިކަލް ކެއަރ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމެއް. އަޅުގަނޑުމެން އެންމެން ގުޅިގެން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކާ އެއްބައިވެގެން، ސިއްހީ ހިދްމަތް ކުރިއެރުވުމަށް މަގުފަހިކޮށްދީ، އަދި މިފަދަ ހައްލެއް އެންމެ ބޭނުން ޖެހިފައިވާ ދާއިރާއަށް އިންވެސްޓްކޮށްގެން، ދުޅަހެޔޮ، ހަރުދަނާ ޤައުމެއް ބިނާކުރުމަކީ އަޅުގަނޑުމެން އަހައްމިއްޔަތުކަންދޭ ކަމެއް. ” ޚާލިދު އަލް-ހަމާދީ
އުރީދޫ އިން ހާމަކޮށްފައިވާ ގޮތުގައި ސިއްހީ ހިދުމަތަށް އެހީވުމަކީ އުރީދޫގެ ސީއެސްއާރްގެ މައިގަނޑު އެއް ތަނބެވެ.