ގިނަ އަދަދެއްގެ ޑޮލަރުތަކެއް ރާއްޖެއިން ބޭރަށް ވަގަށް ގެންދަން އުޅެނިކޮށް ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފެހެއްޓި މީހާ، 12،000ރ އިން ޖޫރިމަނާކޮށް އޭނާ ބޭރުކުރަން އުޅުނު ޑޮލަރުތައް ދަޢުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި މިދިޔަ އޯގަސްޓް މަހުގެ 25 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހައްޔަރުކޮށްފައިވަނީ، ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ޝަހުމިން އިސްލާމް ޝަގުރް ކިޔާ ބިދޭސީއެކެވެ.
އެގޮތުން ޔޫއެސް ބަނގްލަރ ފްލައިޓުން ބަންގްލަދޭޝްގެ ޑާކާއަށް ދިއުމަށްޓާކައި އެއާޕޯޓަށް ފުރަން ގޮސްހުއްޓައި އޭނާ ހައްޔަރުކޮށްފައިވަނީ، އޭނާ ގެންގުޅުނު ކަޅުކުލައިގެ ބެކްޕެކެއްގެ ތެރޭގައި އޮތް ހުދުކުލައިގެ ކޮތަޅެއްގެ ތެރޭއިން ކެލޮގްސް ބްރޭންޑްގެ ކޯންފްލޭކްސް ޕެކެޓެއްގައި ފޮރުވައިގެން ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ފެނުނު 81،130 ޑޮލަރާއި އެކީގައެވެ.
މި މައްސަލައާއި ގުޅިގެން އެ ބިދޭސީ މީހާގެ މައްޗަށް ރާއްޖެއިން ސިއްރުން މުދާ ބޭރު ކުރަން އުޅުނުކަމުގެ ދައުވާ އުފުލައިފައިވާއިރު، މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވަނީ އިޢުތިރާފީ މައްސަލައެއްގެ ގޮތުގައި ކަމުގައި ކްރިމިނަލް ކޯޓުގެ ޙުކުމުގައި ބުނެފައިވެއެވެ.
އެގޮތުން އެ ކޯޓުން ކުރި ޙުކުމުގައި އިތުރަށް ވަނީ، މި މައްސަލައާއި ގުޅިގެން އޭނާގެ މައްޗަށް ވީހާވެސް އަވަހަކަށް ޙުކުމްކޮށް ރާއްޖެއިން ޑީޕޯޓްކޮށް، ގައުމަށް ދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އިއުތިރާފް އެއްބަސްވުމުގައި އޭނާ އެދިފައިވާކަމަށެވެ.
ވުމާއެކު ކްރިމިނަލް ކޯޓުން ވަނީ، އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން 12،000ރ އިން އެ މީހާ ޖޫރިމަނާކޮށް، 15ދުވަސް ތެރޭގައި އެ ފައިސާ މީރާއަށް ދައްކަން އަންގައި، އޭނާގެ އަތުން ފެނުނު ޑޮލަރު ކަސްޓަމްސްއަށް ނެގުމަށް އަމުރުކޮށްފައެވެ.
ރާއްޖޭގައި ޑޮލަރުގެ ވަގު ވިޔަފާރީ ކުރުމުގައި ގިނަ އަދަދެއްގެ ބިދޭސީން ޙަރަކާތްތެރިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ބަނގްލަދޭޝް މީހާގެ އަތުން ފެނުނު ޑޮލަރުތައް މީ މިގޮތަށް ވަގަށް ރާއްޖެއިން ބޭރުކުރަން މަސައްކަތް ކުރަނިކޮށް މިފަހުން އެންމެ ގިނަ އަދަދަކަށް އަތުލައިގަނެވުނު ޑޮލަރުތައްކަން ވެސް ފާހަގަކޮށްލެވެއެވެ.