ސަފާރީތަކަށް ދޫކުރާ ބަނގުރާ ފުޅިތައް މީހުން ދިރިއުޅޭ ރަށްރަށް ބާލައި ވިޔަފާރި ކުރާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އިދާރާތަކާއި ގުޅިގެން ކުރާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް، ފާތިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވެފައި ވަނީ ހޯމް މިނިސްޓްރީން ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ވާހަކަދައްކަމުންނެވެ.
ދިޔާނާ ވިދާޅުވީ ބަނގުރާ ދޫކުރާ ސަފާރީތަކުން އަމަލުކުރަނީ ޤަވާއިދާ އެއްގޮތަށްތޯ ބެލަމުން އަންނަ ކަމަށެވެ. އެގޮތުން ސަފާރީތަކަށް އަރައި ބަލައި ފާސްކޮށް، ޤާވާއިދާ ޚިލާފުވެގެން ހަ ސަފާރީއެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
މިސަފާރީތައް ޖޫރިމަނާ ކޮށްފައި ވަނީ އޮންނަން ޖެހޭ ތަން ނޫން އެހެން ތަނެއްގައި އޮތުމާއި ކަސްޓަމްސް އިން ދޫކުރާ ޓްރެކިން ޑިވައިސް ނިއްވާލާފައި ހުރުމާއި ގަވާއިދާ ޚިލާފަށް އެ ސަފާރީތަކަށް މީހުން އަރާފައިވާތީ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ސަފާރީތަކަށް ދޫކުރާ ބަނގުރާއިން ވިޔަފާރި ކުރާ މައްސަލަ އާއި ގުޅުވައިގެން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ކަސްޓަމްސްގެ ގުދަނުން ބަނގުރާ ނަގައިގެން، ސަފާރީތަކަށް ދޫކުރަނީ ޓޫރިޒަމްގެ ވިޔަފާރީގެ ދަށުން އެކަން ކުރަން ކަމަށް ވިއަސް، ސަފާރީތަކުގައި ގެސްޓަކު ނެތަސް ބަރާބަރަށް ބަނގުރާ އަރުވައި ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
“ސްޓެޓިސްޓިކްސް އަށް ބަލާފައި މިހާރު ކަސްޓަމްސް އިން ހިންގާ އޮޕަރޭޝަނަކީ ކަސްޓަމަށް ރާ ނަގަން އަންނަ އުޅަނދެއް ވިއްޔާ އެ އެއްޗެއްގައި ކިހާ މީހުންނެއް ތިބެފައިތޯ އެ ދިޔައީ. އެ ވެސް ބަލާނެ އަޅުގަނޑުމެން. އަދި އެ މުއްދަތު ތެރޭގައި އެ އުޅަނދަށް ހުއްދަ ދީފައިވާ އަދަދަށް މީހުންތޯ ރާ ކޮންސިއުމް ކުރަމުން މި ދަނީ. އެ ވެސް އަޅުގަނޑުމެން ސްޓެޓިކަލީ ވަކި ބައުންޑްރީސްތަކެއް ބަލާފައި، އޭގެ ބޭރުން މިކަން ކުރާ ކަމަށް ވެއްޖިއްޔާ އެ އުޅަނދަކަށް ރަލެއް ދުލެއް ނުކުރާނަން،” މިނިސްޓަރު
މިނިސްޓަރު ވިދާޅުވީ ބަނގުރާ ނަގައިގެން ގޮސް ގިނަ ފަހަރަށް އެ ތަކެތި އެކި އެވެނިއުސްތަކުން ރާއްޖޭގެ ރަށްރަށަށް ބާލައި، ދިވެހިންނަށް ވެސް ހިމެނޭހެން ހުއްދަ ނޫން ގޮތުގައި ރަލުގެ ވިޔަފާރި ކުރާ ކަމަށާއި، ސަފާރީތަކަށް ދޫކޮށްފައިވާ ހާއްސަ ހުއްދައިގެ ދަށުން ކަސްޓަމްސްއިން ދޫކުރާ ބަނގުރަލުން ވިޔަފާރި ކުރާނަމަ އެކަން ހުއްޓާލަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން އިހުސާނު ވިދާޅުވީ، ރާއްޖޭގައި މިކަން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި މިކަން ކުރާ މީހުންގެ މައްޗަށް ޤާނޫނުގައި އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިކަންތައް ހުއްޓުވަން ކަސްޓަމްސް އާއި ފުލުހުންގެ އިދާރާ މެދުވެރިކޮށް މަސައްކަތް ކުރާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.