މިއަހަރަށް ކަނޑައަޅައިފައިވާ ދައުލަތުގެ ބަޖެޓުގެ އިތުރުން ދައުލަތަށް ބޭނުންވާ ސަޕްލިމެންޓްރީ ބަޖެޓަށް ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި މިއަދު ބަހުސް ކުރުމަށްފަހު އެ ބަޖެޓް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފިއެވެ.
އެގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވަނީ، މިއަހަރަށް ދައުލަތުގެ ސަޕްލިމަންޓްރީ ބަޖެޓްގެ ގޮތުގައި 5.1 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފައެވެ.
މިއަހަރަށް ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓްގައި ހިމެނޭ ބައިތައް:
- ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ
- ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ
- ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ
- މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ
- ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
- ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ
- މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ
މި ބަޖެޓް މަޖިލިހަށް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، މި އަހަރަށް އެކުލަވާލައިފައިވާ ދައުލަތުގެ ބަޖެޓަކީ މިދިޔަ ސަރުކާރުން އެކުލަވާލި ބަޖެޓަކަށް ވާއިރު އެ ބަޖެޓުގައި މަޝްރޫއުތަކަށް އާދަޔާ ޚިލާފު ދަށް އަދަދު ޖަހައި، ހަގީގަތާ ނުބައްދަލުވާނެހެން ބަޖެޓު ތައްޔާރުކޮށްފައިވާކަމަށެވެ.
މީގެ އިތުރުން މި އަހަރުގެ ސަޕްލިމަންޓްރީ ބަޖެޓް ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވަނީ އަހަރަށް ކަނޑައެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓު އެއްކޮށް ހުސްނުވަނީސް ކަމަށާއި، މިހާތަނަށް އެ ބަޖެޓުން ޚަރަދުކުރެވިފައި ވަނީ، ބަޖެޓްގެ 76 އިންސައްތަ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސަޕްލިމަންޓްރީ ބަޖެޓްގެ ގޮތުގައި މިއަހަރު ބަޖެޓް މަޖިލިހަށް ހުށަހަޅަން ޖެހުނީ، މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ވަރަށް ވުރެ އިތުރަށް ބައެއް ދާއިރާތަކުން ޚަރަދުކުރަން ޖެހުމުންކަމުގައި ސަރުކާރުން ހާމަކުރެއެވެ.
ބަޖެޓް ބަހުސް ވަނީ މިއަދު ހަވީރާއި ހަމައަށް ކުރިއަށގޮއްސައެވެ. އެގޮތުން މި ބަޖެޓް ބަހުސް ނިމެންދެން މިއަދުގެ މަޖިލިހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ރައްޔޮތުންގެ މިއަދުގެ ޖަލްސާގައޮ ބައިވެރިވެވަޑައިގެން 69 މެމްބަރުންގެ ތާއީދާއެކު ވަނީ ނިންމަވައިފައެވެ.
އަހަރުގެ ފަހުކޮޅު ބަޖެޓު ހުސްވާތީ ކޮންމެ އަހަރަކު ވެސް ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން ޖެހޭއިރު، މި އަހަރަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަކީ ކުރިން އަންދާޒާކުރި ވަރަށް ވުރެ ބޮޑުތަނުން ކުޑަ އަދަދެކެވެ.