-Advertisement-

-Advertisement-

ޒަކާތު ފަންޑުން ބޯންމެރޯ ހަދައިދިން 3 ކުއްޖެއް އެއްކޮށް ރަނގަޅުވެއްޖެ

ތެލެސީމިޔާ ކުދިންނަށް އާންމު ފަރުދަކު ލޭ ހަދިޔާ ކުރަނީ، - ފޮޓޯ/ކޯޕަރޭޓް މޯލްޑިވްސް

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ކޮންމެ އަހަރަކު 10 ކުދިން ފޮނުވުމުގެ ތެރެއިން މިހާރު ބޯން މެރޯއަށް ފޮނުވިކުދިންގެ ތެރެއިން ޖުމުލަ ތިން ކުއްޖަކު އެއްކޮށް ރަނގަޅުވެފައިވާކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް އިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކް ޑރ. އަހުމަދު އުމަރު ވިދާޅުވީ، މިއަހަރު ސަރުކާރުން ބޯން މެރޯހެދުމަށް ފޮނުވި 14 ކުދިންގެ ތެރެއިން 3 ކުދިން އެއްކޮށް ރަނގަޅު ވެފައިވާ ކަމަށާއި އަދި އެއްކުއްޖަކު ނިޔާވެފައިވާކަމަށެވެ.

އެގޮތުން ޑރ އުމަރު އިތުރަށް ވިދާޅުވީ، ފަރުވާ ނިމި ބަލިން ފަސޭހަވި 3 ކުދިންގެ ތެރެއިން 2 ކުއްޖަކު މިހާރުވެސް ރާއްޖެ އައިސްފައިވާކަމަށާއި، ބާކީ ތިބި ކުދިންވެސް ފަރުވާ ނިންމުމަށްފަހު ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ތެރޭގައިރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށެވެ.

ކޮންމެ އަހަރަކުވެސް ޒަކާރު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް 10 ކުދިން ފޮނުވުމަށް ސަރުކާރުން ނިންމާފައިވާއިރު، މި އަހަރަސް ކަނޑައަޅައިފައިވާ އަދަދަށް ކުދިން ފަރުވާއަށް ފޮނުވުމަށް ފަހު، އަންނަ އަހަރު ބޯންމެރޯ ހެދުމަށް ފޮނުވާނެ ކުދިން ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން އަންނަނީ މިހާރު ކުރަމުންނެވެ.

އެގޮތުން ރޭގެ ޕްރޮގްރާމުގައި ޑރ އުމަރު ވިދާޅުވީ، ބޯން މެރޯ ހެދުމަށް ފޮނުވާނެ ކުދިން ކަނޑައެޅުމުގައި ޚާއްސަ މަރުޙަލާއެއް ފުރިހަމަ ކުރާ ކަމަށާއި އެ މަރުޙަލާގެ ތެރެއިން، ބޯންމެރޯއަށް ދާ ކުދިންގެ ލޭގެ ޓެސްޓްތަކާއި، ހިތުގެ އަދި ލިވާގެ އަދިވެސް އެހެން ބައިވަރު ޓެސްޓްތައް ހަދާކަމަށެވެ.

އެއަށްފަހު ބޯންމެރޯ ހަދަން ފޮނުވާ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމް ރާއްޖެ އައިސް، އެ ކުދިން ބަލާފައި ނިންމާނީ އެ ކުދިންނަށް ބޯންމެރޯ ހެދިދާނެތޯ. އެ މަސައްކަތް މިހާރު ކުރަމުން މިދަނީ – ޑރ އަހުމަދު އުމަރު

މި ޕްރޮގްރާމަކީ ބޯންމެރޯ ފަދަ ހަރަދު ބޮޑު ފަރުވާތައް ހޯދުމަށް ދަތިވެފައިވާ ދިވެހި ކުދިންނަށް އެހީތެރިވުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫއެކެވެ. ޒަކާތު ފަންޑުގެ އެހީގައި މި ޕްރޮގްރާމް ހިންގުމަށް ނިންމުމަކީ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް، މުޖުތަމައުގެ ބޭނުންތެރި ދާއިރާތަކަށް ޒަކާތުގެ ފައިސާ ބޭނުންކުރުމަށް ފެށި މަސައްކަތެކެވެ.

މި ސަރަހައްދުގައި ނިސްބަތުން އެންމެ ގިނަ ތެލެސީމިއާ ބަލި މީހުން ތިބީ ދިވެހިރާއްޖޭގައެވެ.

އެގޮތުން ތެލަސީމިއާ ޕޭޝަންޓުންގެ ދަފުތަރުގައި 959 ފަރާތެއް މިވަގުތު ތިބިއިރު އޭގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 666 މީހުންނެވެ. އެއީ ރާއްޖޭގެ މުޅި އާބާދީގެ 16.6 ޕަސަންޓު މީހުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-