-Advertisement-

-Advertisement-

ރައްޔިތުންގެ މަޖިލިހަށް މީޑިޔާ ޑިރެކްޓަރަކު ހޯދަނީ

ރައްޔިތުންގެ މަޖިލިހުގެ އިދާރާ

ރައްޔިތުންގެ މަޖިލިހުގެ ހުސްވެފައިވާ މީޑިޔާ ޑިރެކްޓަރުގެ މަޤާމަށް މީހަކު ހޯދުމަށް އެ އިދާރާއިން އިއުލާނުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުން ކުރި އިއުލާނުގައި އެ އިދާރާގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަންގެ ލެޖިސްލޭޓިވް އެފެއާޒް ޑިޕާޓްމަންޓަށް ނެގުމަށް އިއުލާނުކޮށްފައިވާ ޑިރެކްޓަރުގެ ޝަރުތުތަކެއްގެ ގޮތުގައި ކަނޑަ އަޅައިފައިވަނީ:

  • ނޫސްވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން ނުވަތަ
  • ނޫސްވެރިކަމުގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު/ގާބިލްކަން ސާބިތުކޮށްދިނުން އަދި ނޫސްވެރިކަމުގެ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ނޫސްވެރިކަމުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން އަދި ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޖިލިހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރަށް އަސާސީ މުސާރައިގެ ގޮތުގައި  15،950ރ  ލިބޭއިރު ހާޒިރީ އެލަވަންސްގެ ގޮތުގައި ދުވާލަކަށް 200ރ ގެ އިތުރުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500ރ އަދި ހާއްސަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20 އަދި ފޯން އެލަވަންސްގެ ގޮތުގައި މަހަކު 600ރ.ގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޤާމަށް ޝަރުތުހަމަވާ، ޝައުޤުވެރިކަން ހުރި ފަރާތްތަކުން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަޤާމު ހުސްވެފައިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި ހަސަން ޒިޔާއު އެ މަޤާމުން ކުއްލިއަކަށް ވަކިކުރުމާއި ގުޅިގެންނެވެ.

އެ މަޤާމުން ޒިޔާއު ވަކިކުރިކަން ހާމަކޮށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ޒިޔާއު ވަނީ، ރައްޔިތުންގެ މަޖިލިހުގައި އެބޭފުޅާ އަދާކުރައްވަމުން ގެންދެވި ވަޒީފާއިން އިއްޔެއިން ފެށިގެން ވަކިކޮށްފައިވާކަމަށާއި އެ މަޤާމަކީ ސިޔާސީ މަޤާމަކަށް ނުވާއިރު، ޒިޔާއު އެ މަޤާމުން ވަކިކޮށްފައިވަނީ،  ޕާލަމެންޓަރީ ސަރވިސްގެ ޤާވާއިދާ ޚިލާފަށް ކަމުގައި ވިދާޅުވެފައެވެ.

އެގޮތުން ޒިޔާއު މަޤާމުން ވަކިކޮށްފައިވަނީ ރޭވުމެއްގެ ތެރެއިން ޕަލަމެންޓަރީ ސަރވިސް ޤަވާއިދާ ޚިލާފަށްކަމުގައި ވާތީ، އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ވެސް ޒިޔާއު ވަނީ ވިދާޅުވެފައެވެ.

ޒިޔާއު މަޖިލީހުގެ މީޑިއާ ޑިރެކްޓަރުކަމުގެ މަގާމާށް އައްޔަން ކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 16 ވަނަ ދުވަހުއެވެ. އެބޭފުޅާ ވަނީ، 13 އަހަރު ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައިވެސް މަސައްކަތް ކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-