ގައިދީންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ޞައްޙަ މަޢުލޫމާތު ދިނުމަށް ޖަލުތަކުގައި 210 ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ދީނީ ދަޢުވާ ސެކްޝަނުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންގޮސްފައިވާ މިޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައި ވަނީ ކ. މާފުށި ޖަލާއި، ހުޅުމާލެ ޖަލުގެ އިތުރުން ކ. ހިންމަފުށި ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައެވެ.
އެގޮތުން މާފުށީ ޖަލުގައި 63 ޕްރޮގުރާމް، ހިންމަފުށި ޖަލުގައި 76 ޕްރޮގުރާމް އަދި ހިންމަފުށި ޑްރަގް ރިހޭބިލިޓޭޝަން ސެންޓަރުގައި 31 ޕްރޮގުރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން، ހުޅުމާލެ ޖަލުގައި 40 ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގައިދީން މުޖުތަމައަށް އަނބުރާ ނިކުންނަ އިރު، އެމީހުންނަކީ ހުރިހާ ގޮތަކުން ވެސް ރަނގަޅު ބަޔަކަށް ހެދުމަށް ކަރެކްޝަން ސާވިސްއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އޭގެ ތެރޭގައި ގައިދީންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދިނުމާއި މަތީ ތައުލީމު ހާސިލުކުރުމަށް ކިޔެވުން ވެސް ހިމެނެއެވެ.