-Advertisement-

-Advertisement-

ދައުލަތުގެ އެއްވެސް ބާރަކަށް އަދި މުއައްސަސާއަކަށް ނުފޫޒު ނުފޯރުވާނަން: ރައީސް

ރައީސް ޑރ. މުއިއްޒާއި ކެބިނެޓް މިނިސްޓަރުން ކެބިނެޓް ބައްދަލުވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ އެއްވެސް ބާރަކަށް އަދި މުއައްސަސާއަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު މިއަދާ ހަމައަށް ވެސް ކުރެއްވި ކަމެއް ނޫން ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އޭގެ ބަދަލުގައި އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައިމިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ޤާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވުމާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުން އަދި ވަކިން ޚާއްސަކޮށް އެމްޑީޕީގެ ފަރާތުން ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ސަރުކާރުގެ ފަރާތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހައްޅުއްވާފައިވާއިރު އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

މި ބިލުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮމިޝަންގެ ރައީސް ނުވަތަ ނާއިބު ރައީސަކު އައްޔަން ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި އެ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު، ކޮމިޝަންގެ ރައީސްކަމުގެ މަޤާމަށް ނުވަތަ، ނާއިބުރައީސް ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިހާރު ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތުގައި އެ ދެ ކޮމިޝަނަށް ވެސް ރައީސަކާއި ނާއިބު ރައީސަކު އައްޔަންކުރަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-