މި ސަރުކާރުގެ ފަސް އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި މަސް ރައްކާކުރުމުގެ ކެޕޭސިޓީ 25،00 ޓަނުން މައްޗަށް އަރުވާނެ ކަމުގައި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ކުރީގެ ސަރުކާރުން މަސްވެރިން ކިރި މަހަށް ދޭންޖެހޭ ޖުމުލަ 250 މިލިޔަށް ރުފިޔާ ނުދީ އޮތް ކަމަށާއި އެހެން ނަމަވެސް ވެރިކަން ނިމުމާއި ހަމައަށްވެސް އެ ސަރުކާރުން ދައްކަމުން އައީ ރާއްޖޭގައި މަސް ރައްކާކުރާނެ ސްޓޯރޭޖް ނެތްކަމުގެ ބަހަނާކަމަށެވެ.
އެގޮތުން މިވަގުތު ރާއްޖޭގައި އެންމެ ގިނައިން މަސް ރައްކާކުރެވޭ ސްޓޯރޭޖަކީ 8500 ޓަނު ކަމަށްވާއިރު 250 މިލިޔަން ރުފިޔާގެ މަސް ރައްކާކުރި ގޮތަކާއި މެދު މިނިސްޓަރ ވަނީ ސުވާލު އުފައްދަވައިފައެވެ.
އެގޮތުން މި ސަރުކާރުގެ ފަސް އަހަރު ނިމޭ އިރު މަސް ސްޓޯރޭޖް 25000 ޓަނަށް ވުރެ މަތި ކުރައްވާނެކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން ދިވެހި މަސްވެރި ސިނާއަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކެޕޭސިޓީ ނެތުން ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ފެލިވަރު އޮޕަރޭޝަނަށް އައި ފަހުން 46 އަހަރު ވެގެން ދިޔައިރު އޭރު މަސްވެރިކަން ފެށި ގޮތާ މިހާރު އޮތްގޮތާ މާބޮޑު ތަފާތެއް އައިސްފައި ނެތްކަމަށެވެ.
ރައީސްގެ މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޭން ވިދާޅުވި ގޮތަށް އެ ފައިސާ ނުދީ ސަރުކާރުން ބަހަނާ ދައްކަމުން އަންނަކަމުގައި ވިދާޅުވެ، ފައިސާ ނުދެވޭ ސަބަބަކާއި ގުޅޭގޮތުން މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ރައީސް ވިދާޅުވި ގޮތަށް އެ ވައުދުފުޅުވެސް ތަންފީޒުކުރައްވާނެ ކަމަށާއި ސަރުކާރުން އެއްވެސް ވައުދަކަށް ނުފިލާނެ ކަމަށެވެ.
މިފްކޯގެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ދިޔައިރު ކުންފުނިން ވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 862.3 މިލިއަން ރުފިޔާ ދައްކައިފައެވެ.